16 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު އާއިލާގެ މެމްބަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ 24 އަހަރަށް ޖަލަށްލުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ށ.ފުނަދޫ، ދިޔަރެސް، އަބްދުﷲ ސައީދު (48އ) ގެ މައްޗަށެވެ.
އަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މެއި މަހުގެ ކުރީކޮޅާއި ހަމައަށް އެކިދުވަސްމަތިން އޭނާގެ 16 އަހަރުގެ އަންހެން ދަރިއާއިމެދު ޖިންސީ އަމަލު ހިންގާފައިވާތީ، 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ކަމަށް ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިފޯޓްގައި ވެއެވެ.
16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސީ އަމަލު ހިންގާފައިހުރިކަން ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ މެޑިކަލް ލީގަލް ރެކޯޑްގައިވާގޮތުން އެގެން އޮންނަ ކަމަށްވެސް އެރިޕޯޓްގައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން 16 އަހަރުގެ އެ އަންހެންކުއްޖާގެ އުމުރުން 11 އަހަރުން ފެށިގެން ބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފަށާފައިވާ ކަމަށާއި ޖިންސީ ގޯނާގެ ސަބަބުން އުޅުމާއި އިޙްސާސްތަކަށް ބަދަލުއައިސް ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށް ސައިކޮލޮޖިސްޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މި މައްސަލާގައި 16 އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ޖިންސީ އަމަލު ހިންގާފައިވާކަމުގެ މައްޗަށް ހެކިބަސް ލިބިފައިވާތީ، ޢަބްދުﷲ ސައީދުގެ މައްޗަށް އާއިލާގެ މެމްބަރަކާއިމެދު ޖިންސީ އަމަލު ހިންގިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ށ.ފުނަދޫ، ދިޔަރެސް، އަބްދުﷲ ސައީދު 24 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.