ކުޅުދުއްފުށީ ހިއްކި ބިން ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ހަބީބް ވިދާޅުވީ އެތަން ތަރައްޤީކުރެވިގެންދާއިރު އެކަށީގެންވާ ބަނދަރެއް ތަރައްޤީކުރެވިގެންދާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ބޭރު ފަރާތެއްގެ އެހީގައި ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީއިން މިހެން ވިދާޅުވެފައިވާއިރު ކުޅުދުއްފުށީގައި ހިއްކާފައިވާ ސަރަޙައްދު ތަރައްގީކުރުމަށް އެއްވެސް ކަމެއް ނުކޮށް އޮތުމުން، އެސަރަޙައްދުގެ ބޮޑު ބައެއް ގިރަމުންދާތީ ހދ. އަތޮޅު ކައުންސިލުނާއި ރަށު ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ސަރުކާރާއި ކަމާ ބެހޭ މުވައްސަސާތަކަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކާ ހދ އަތޮޅު ކައުންސިލުނާއި ކުޅުދުއްފުށީ ކައުންސިލް އެތައް ފަހަރަކު ވަނީ މުވައްސަސާތަކާ ބައްދަލުކޮށްފަ އެވެ.
ކުޅުދުއްފުށީ ހިއްކި ސަރަހައްދު (ވެލިގަނޑު) ތަރައްގީކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ” ޕޯރޓް އެންޑް އާރބަން އެކްސެސިބިލިޓީ” ޕްރޮޖެކްޓަށް ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީ އިން 11.6 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓް ކޮށްފައި ވެއެވެ
ކުޅުދުއްފުށީގައި 28 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވަނީ 2010 އަހަރެވެ.