އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ހދ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މާދަމާ ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ މައިނާ ލަތީފް “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ މިނިސްޓަރ ޝިހާމް ހދ އަތޮޅަށް ކުރަންވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިދަތުފުޅަކީ އެއަތޮޅުގެ ސްކޫލްތަކުގެ ހާލަތު ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މައިނާ ވިދާޅުވީ މިނިސްޓަރުގެ މިދަތުރުފުޅުގައި ތައުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭ ގޮތުންނާއި ސްކޫލުތަކުގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަވާނެ ކަމަށެވެ. އަދި ބީޓެކާއި ދަސްވާރު ފަދަ ޕްރޮގުރާމުގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޝިހާމް ސްކޫލުތަކުގެ ވެރިންނާ ބޯޑު މެމްބަރުން އަދި ޕީޓީއޭ ތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މާދަމާ ފުރަތަމަ މިނިސްޓަރ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫއަށެވެ. އެއަށް ފަހު ފިނޭ، ހިރިމަރަދޫއަށް ވަޑައިގަންނަވާނެ އެވެ. ހޮނިހިރު ދުވަހު މިނިސްޓަރ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނާވައިދޫ، ނެއްލައިދޫ، ކުރިނބީ، ނޭކުރަންދޫ، ވައިކަރަދޫ އަދި މަކުނުދޫއަށެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އާދިއްތަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލަށް ވެސް މިނިސްޓަރ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މިނިސްޓަރ ޝިހާމް ހދ އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.