twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޗެމްޕިއަން ޗެލްސީއިން ލީގު އެއްވަރަކާއެކު ފެށިއިރު ޔުނައިޓެޑް މޮޅުވެއްޖެ

Aug 9, 2015

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން ޗެލްސީއިން އެއްވަރަކާއެކު ފެށިއިރު މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ސްވެންސީއާ ކުޅުނު މެޗު ނިމިގެން ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އޮސްކާ ލަނޑެއް ޖަހައި ލީޑު ހޯދައިދިން ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި ސްވެންސީގެ އެންޑްރޫ އަޔޫ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ސްވެންސީއިން ނަތީޖާ ހަމަހަމަކުރިތާ އެއް މިނެޓް ފަހުން ވިލިއަން އުފެއްދި ހަމަލާއެއްގައި ސްވެންސީގެ ޑިފެންޑަރ ފަރނެންޑެޒްގެ ފައިގަ ޖެހިފައި ގޯލުގެ ތެރެއަށް ވަދެ ޗެލްސީއަށް ވަނީ އަލުން ލީޑު ލިބިފަ އެވެ.

ޗެލްސީއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ 52 ވަނަ މިނެޓްގައި ގޯލްކީޕަރ ކޯޓޮއިސް އަށް ސީދާ ރަތްކާޑެއް ދައްކާ ޕެނަލްޓީއެއް ދިނުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މި ޕެނަލްޓީ ހޯދި ގޯމިސް އެވެ.

ލީގު ހުޅުވި މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ ފުރަތަމަ ހާފު ކީލީ ވޯކާ އަތުން ބައިކޮޅަށް ވަން ލަނޑަކުން 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަލަށް ލީގަށް ޕްރޮމޯޓްވި ބޯންސްމައުތު އަތުން އެސްޓަން ވިލާ މޮޅުވީ 1-0 އިންނެވެ. އަދި އެވަޓަން އާއި ވޮޓްފޯޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭ އެންމެ ގިނައިން ލަނޑު ފެނުނު ލެސިސްޓަރ އަދި ސަންޑަލޭންޑްގެ މެޗު ނިމުނީ 4-2 އިން ލެސިސްޓަރ މޮޅުވެގެންނެވެ. ރޭ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސް ވަނީ 3-1 އިން ނޯވިޗް ބަލިކޮށްފަ އެވެ.

މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު އާސެނަލް އާއި ވެސްޓް ހޭމް ކުޅޭ މެޗު ފަށާނީ 17:30 ގަ އެވެ. ނިއު ކާސަލް އަދި ސައުތެމްޕްޓަންގެ މެޗުވެސް ހަމަ އެގަޑީގައި ކުޅޭއިރު ސްޓޯކް އަދި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ 20:00 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355