އުއްމީދަކީ 2016 ވަނަ އަހަރު ފެށޭއިރު ޕްރީ ސްކޫލްގެ ދެ ގުރޭޑް ކަމަށްވާ ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއަށް ގެނައުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެވުމަށް ފަހު އެބުރި މާލޭ ވަޑައިގަތުމުންގެ ކުރިން މިނިސްޓަރ ޝިހާމް “ކުޅުދުއްފުށި އޮންލައިނަށް” ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ވިދާޅުވީ ކައުންސިލުތަކުންނާއި ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުން ތަކެއް މިނިސްޓްރީއާ އަންނަ ކަމަށެވެ. އެގޮތުން ޕްރީ ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުގެ ސްކޫލުތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވެންވާއިރަށް އެކަން ހަމަޖެހިދާނެ ކަމަށެވެ.
” އަޅުގަނޑުމެންގެ ސްކޫލުތަކުގެ ތެރެއަށް އެލްކޭޖީ އާޢި ޔޫކޭޖީ މިދެ ގުރޭޑް ގެނެސް، އަޅުގަނޑުމެންގެ ސްކޫލުތަކުގެ ތެރެއިން ގެންދެވި ކިޔަވައިދެވޭނެ ކަމަށް. އޭރުން ޓީޗަރުންގެ ކަންތައްތަކާއި ކިޔަވައިދިނުމާއި އެހެނިހެން ހަރަދުތައް ގާތުން ބެލެވިގެންގޮސް ކުދިންނަށް އެދެވިގެންވާ ތައުލީމެއް ފޯރުކޮށްދެއްވޭނެ. އިރާދަކުރެއްވިއްޔާ އަތޮޅުތަކުގެ ސްކޫލުތަކުން 2016 ވަނަ އަހަރު ފެށޭއިރު ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުން ދެވޭ ހިދުމަތަކަށްވާނެ ” މިނިސްޓަރ ޝިހާމް ވިދާޅުވި އެވެ.
ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުގެ ސްކޫލުތަކުގެ ދަށަށް ބަދަލުކުރުމާ ބެހޭ ގޮތުން ކައުންސިލުތަކާ ސްކޫލުތަކާއި ކަމާ ބެހޭ ފަރާތަކާ މަޝްވަރާ ކުރަވަމުންދާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުގެ ސްކޫލުތަކަށް ބަދަލުކުރެވުނު ޕްރީ ސްކޫލުތައް އުވާލުމަށް ހަމަޖެހިފަ ނުވާ ކަމަށާއި ނާސަރީ އާއި ބޭބީ ނާސަރީގެ ދެ ގުރޭޑް ކުރިއަށްދާނީ ކުރިންވެސް އޮތްގޮތަށް ކައުންސިލްގެ ދަށުން ޕްރީ ސްކޫލްތަކުގަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ޕްރީ ސްކޫލުތަކުގެ ބޭނުންވާ ބައެއް ކަންތައްތައް މިނިސްޓްރީ ހަމަޖެއްސި ކަމަށާއި އެގޮތުން ޓީޗަރުންގެ މުސާރައާއި ބައެއް ތަމްރީންތައް ފާހަގަ ކުރެއްވި އެވެ.