ސަމަރ ޓްރާންސްފަރ ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓަކީ ޓީމުތަކުން އެންމެ ބޮޑަށް ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރާ ދުވަސްވަރެވެ. ޓީމުތަކުން އަލަށް ސީޒަން ފަށާއިރު ގިނަ ކުޅުންތެރިންތަކަކާ ގުޅުވައިގެން އަޑުތައް އިވިގެންދެ އެވެ. ނަމަވެސް ޓީމު ބަދަލުކުރަނީ އޭގެ ތެރެއިން ނިސްބަތުން މަދު ކުޅުންތެރިންތަކެވެ. މިފަހަރު މި ބަލައިލަނީ މިހާތަނަށް މި ހޫނު މޫސުމުގައި ކޮށްފައިވާ އެންމެ އަގު ބޮޑު 10 ޓްރާންސްފަރ އަށެވެ.
މެމްޕިސް ޑީޕޭ އަދި ޖެކްސަން މާޓިނޭޒް، އާޑާ ޓޫރާން އަދި މޯގަން ސްނެޑަލިން – 25 މިލިއަން ޕައުންޑް
ނެދަލެންޑަށް އުފަން ޑީޕޭއަކީ މި ޓްރާންސްފަރ ވިންޑޯގައި އެންމެ ކުރިން ނިންމާލި އެއް ވިޔަފާރި އެވެ. ޕީއެސްވީ އެއިންދޮވެންއިން މެންޗެސްޓަރ ޔުނައިޓެޑަށް ޑީޕޭ ވަނީ ވިންޑޯ ހުޅުވުމާއެކު ބަދަލުވެފަ އެވެ. ނެދަލޭންޑް ލީގުގައި ވޭތުވެދިޔަ ސީޒަނުގައި އެންމެ ގިނަ ހިލޭ ޖެހުން ޖެހި ޑީޕޭއަކީ ވިންގަށް ކުޅޭ ކުޅުންތެރިއެކެވެ.
މޮޅެތި ކުޅުންތެރިން އުފެއްދުމަށްފަހު ވިއްކުމަށް މަޝްހޫރު ޕޯޓޯއިން މި ފަހަރު މިހާތަނަށް އަދި ކުރި އެންމެ ރަނގަޅު ވިޔަފާރިއަކީ ޓީމުގެ ކެޕްޓަން އަދި ފޯވާޑް ޖެކްސަން މާޓިނޭޒް ވިއްކާލުމެވެ. ޖެކްސަން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީވެސް 25 މިލިއަން ޕައުންޑަށެވެ. މީގެ ކުރިން ރަޑަމެލް ފަލްކާއޯ ވެސް ވަނީ ޕޯޓޯއިން އެތުލެޓިކޯއަށް ބަދަލުވެފަ އެވެ.
ބާސެލޯނާއަށް ކުރިމަތިވެފައިވާ ޓްރާންސްފަރ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން 2016 ޖެނުއަރީގެ ކުރިން އެއްވެސް ޓްރާންސްފަރ އެއްގައި ގެންނަ ކުޅުންތެރިޔަކަށް ނުކުޅެވޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް ބާސާއިން ވަނީ އެ ޓީމުގެ ވާދަވެރި ކުލަބެއް ކަމުގައިވާ އެތުލެޓިކޯގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އާޑާ ޓޫރާން އެ ޓީމަށް ގެނެސްފަ އެވެ.
މި ސީޒަނުގެ އެންމެ ރަނގަޅު އެއް ޓްރާންފަރއެއް ކަމަށް ބެލެވިފައިވަނީ 25 މިލިއަން ޕައުންޑަށް ސައުތެމްޕްޓަން އިން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި އެ ޓީމުގެ “އެންކަރމަން” މޯގަން ސްނެޑަލިންގެ ޓްރާންސްފަރ އެވެ. ޔުނައިޓެޑް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުންވެސް މިކަން ފާހަގަ ވެގެންދެ އެވެ.
އާޓޫރޯ ވިޑާލް – 26 މިލިއަން ޕައުންޑް
ވޭތުވެދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ހަމަ ދެންމެ ދެންމެ ބަދަލުވެދާނެހެން ހީވެފައި އޮތް ވިޑާލް ވަނީ 26 މިލިއަން ޕައުންޑަށް މި ސީޒަނުގައި ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ. މި އަހަރު ޗެމްޕިއަންސް ލީގު ފައިނަލު ކުޅެ އަދި ކޮޕާ އެމެރިކާވެސް ކާމިޔާބުކުރި ވިޑާލް އަކީ ބެލެވޭ ގޮތުގައި މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ސްވެންސްޓެއިގަރ ނެތްތަން ފޫ ބައްދާނެ ކުޅުންތެރިޔާ އެވެ.
ގޯފްރޭ ކޮންޑޯބިއާ، 28 މިލިއަން ޕައުންޑް
ޑިފެންސިވް މިޑްފީލްޑަރ އަކަށް ކުޅޭ ކޮންޑޯބިއާ އަކީ މި ސީޒަނުގައި އިޓަލީ ލީގުގައި މިހާތަނަށް ހިނގި އެންމެ އަގުބޮޑު ޓްރާންސްފަރ އެވެ. ކޮންޑޯބިއާ އިންޓަރ މިލާނަށް ބަދަލުވީ މޮނާކޯ އިންނެވެ.
ރޮބާޓޯ ފިރްމީނިއޯ، 29 މިލިއަން ޕައުންޑް
ހޮފެންހަމް އިން ލިވަޕޫލަށް ބަދަލުވި ފިރްމީނިއޯ އަކީ މި ސީޒަނުގައި ގިނަ ކުޅުންތެރިންތަކެއް ގެނައި ލިވަޕޫލް އިން މި ސީޒަނުގައި ގެނައި ދެވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާ އެވެ. ނަމަވެސް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ފުރަތަމަ 11 ގައި ހިމަނާފަ އެއް ނުވެ އެވެ.
ކްރިސްޓިއަން ބެންޓެކޭ، 32.5 މިލިއަން ޕައުންޑް
ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށްޓަކައި އެޓޭކް ވަރުގަދަ ކުރަން މަސައްކަތްތަކެއް މި ސީޒަނުގައި ކޮށްފައިވާ ލިވަޕޫލްއަށް މި ސީޒަނުގައި އެންމެ އަގު ބޮޑު ކުޅުންތެރިޔަކީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އައި އިތުބާރު ފޯވާޑް ކްރިސްޓިއަން ބެންޓެކޭ އެވެ.
އެންޖަލް ޑި މާރިއާ، 44 މިލިއަން ޕައުންޑް
އިނގިރޭސި ރެކޯޑް ފީ އަކަށް ވޭތުވެދިޔަ ސީޒަނުގައި ރިއަލް މެޑްރިޑުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ޑި މާރިއާ ވަނީ ނާކާމިޔާބު ސީޒަނެއް ޔުނައިޓެޑްގައި ހޭދަކުރުމަށްފަހު އަބޫ ދާބީން ކޮންޓްރޯލް ކުރަމުން އަންނަ ފްރާންސްގެ ކްލަބު ޕީއެސްޖީއަށް ބަދަލުވެފަ އެވެ.
ރަހީމް ސްޓާލިންގ، 49 މިލިއަން ޕައުންޑް
ލިވަޕޫލުން މެންޗެސްޓަރ ސިޓީ އަށް ބަދަލުވި 21 އަހަރުގެ ވިންގާ ސްޓާލިންގ މިހާރު ވެފައިވަނީ އެންމެ އަގުބޮޑު އިނގިރޭސި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މި ރިކޯޑް އޮންނަނީ ރިކޯޑް އަގަކަށް ލިވަޕޫލަށް ބަދަލުވި އެންޑީ ކެރޯލްގެ އަތުގަ އެވެ.