ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން “ނެތް ވަރުގެ” ބޮޑު ފުޓްބޯޅަ މުބާރާތެއް އިއުލާނުކޮށްފާއި ކުޅުދުއްފުށީގައި މި މުބާރާތަށް އަދި އެއްވެސް ތައްޔާރީއެއް ވެވިފައެއް ނުވެ އެވެ.
މި މުބާރާތުގައި ރާއްޖޭގެ 79 ރަށަކުން ބައިވެރިވެފައިވާއިރު އޯގަސްޓް 15 ވަނަ ދުވަހު މި މުބާރާތުގެ ފުރަތަމަ މެޗު ށ އަތޮޅުގައި ވަނީ ފެށުމަށް ހަމަޖެހިފަ ވާއިރު މީގެ ކުރިން ތުންތުން މަތިން މިދިޔަ ޖުލައި 24 ގައި ކުޅުދުއްފުށީގައި ފަށަން އުޅުނު ވާހަކަވެސް އަޑު އިވުނެވެ.
މި މުބާރާތް ފޮލޯ ކުރުމުގައި ކުޅުދުއްފުށި މިހާ ފަހަތުގައި މި އުޅެނީ މި ރަށުގައި މި މުބާރާތަށް ތައްޔާރުވުމުގައި ކަމެއް ނެތީމާކަމެއް ަށް ޔަގީނެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ހަރަކާތްތަކަށް ކުޅުދުއްފުށިން ތައްޔާރުވުމުގައި މިހާރު ވަރަށް ބޮޑަށް ފަހަތަށް ސޮހިފައިވާއިރު އެހެނީ މިފަދަ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަށް ކުޅުދުއްފުށިން މީގެ ކުރިން ތައްޔާރުވެފައިވާލެއް ފުރިހަމަކަން ހާމަވާކަމަކީ ތިން ހަތަރު މަސް ކުރިން ރަނގަޅު ފެންވަރުގެ ކޯޗުން ގެނެސް ޕްރެކްޓިސް ކޮށް ރަންވަނަތައް ހޯދާފައިވާ ކަމެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވުނު އަތޮޅު މުބާރާތުގައިވެސް ކުޅުދުއްފުށީ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ލަދުވެތި ކުޅުމެކެވެ. ގައުމީ ކުޅިވަރުގެ ގޮތުގައި ކުޅުދުއްފުށީގައި ބެލެވިފައިވާ ފުޓްބޯޅާގައި ކުޅުދުއްފުށި ފައިނަލުގައިވެސް ކުޅެފައެއް ނުވާއިރު ބަދަލުގައި މި ފަސްގަނޑުގައި އަޅުގަނޑުމެން ބަލަން ބައިތިއްބާފައި ފައިނަލު ކުޅުނީ ހަނިމާދޫގެ ދެ ޓީމެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލު ބުރުތައް ކުޅުދުއްފުށީގައި އަދި އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަތޮޅު މުބާރާތުގެ ޗެމްޕިއަންކަންވެސް އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވުނުކަން އެނގިތިބެ މި މުބާރާތް ހަމަ ތިބެލާފައި ނުކުމެ ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ކުރުމަކީ ވަރަށްވެސް ބޮޑު ކުށްހީ އެކެވެ. މިކަން ހާމަވެގެންދަނީ ކުޅުދުއްފުށީގައި ބޭއްވި އާދަމް އިސްމާއީލް ލީގުގެ މުހިއްމު ދައުރުތައް ރަށުން ބޭރު ކުޅުންތެރިން ފުރާފައިވާތީ އެވެ. އެއީވެސް ތަރައްގީ އެކެވެ. ނަމަވެސް ބޭނުންވާ ގޮތަކީ ކުޅުދުއްފުށިގެ ދަރިއެއް މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރާތައް ދެކިލުމެވެ. އަނެއްކާވެސް މި ފަސްގަނޑުގައި އެހެން ބަޔަކު އަޅުގަނޑުމެން ބަލަން ބައިތިއްބައިގެން ތިބެ މުބާރާތެއްގެ މެޗުތަކެއް ކުޅުމަކީ ހަމަ މުޅި ހަށިގަނޑުން ކަރުނަ އަޅާނެ ފަދަ ކަމެކެވެ.
އަޅުގަނޑަށް ގަަބޫލުކުރެވޭ ގޮތުގައި މި ކަންކަން މިހެންވުމުގައި ބޮޑެތި މައްސަލަތަކެއް އެބަ ހުރި އިރު އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅަށް ކަންކަން ރޭވި ޝެޑިއުލް ނުކުރެވުމެވެ. އަހަރެއްގެ ތެރޭގައި އެތައް ބައިވަރު ކުޅިވަރު އިވެންޓް ތަކެއް ބޭއްވޭއިރު މިފަދަ ބޮޑެތި އިވެންޓްތަކަށް ޝެޑިއުލްއިން ޖާގަ ދިނުމަ އިސްކަން ދޭން އެބަޖެހެއެވެ. ކުރިން 24 ޖުލައިގައި ފެށުމަށް ހަމަޖެހުނު މުބާރާތް މިހާރު ލަސްވެގެން އޯގަސްޓް 15 އަށްވީ އިރު މިހާރު ކުޅުދުއްފުށީގައި ބާއްވާނީ އޮކްޓޫބަރު 15 ގައި އޭ ބުނާތީވެސް އަޑު އިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ ނަން ކުރިއެރުވުމަށްވުރެ ބޮޑަށް ދަނޑުތަކުގެ މެދުގައި އޮތް ވާދަވެރިކަން ފާހަގަވެ އެވެ. ނަމަވެސް ރަށުގެ ނަން ކުރިއަށް އަންނަ ދަނޑިވަޅުގައި ރަށް އިސްކުރަން ޖެހޭނެ އެވެ. އަޅުގަނޑަށް ފާހަގަވި ގޮތުގައި އެންމެ ފަހުން ބޭއްވުނު އަތޮޅު މުބާރާތް އޮތްއިރު ކުޅުދުއްފުށީގެ ދަނޑަކުން ކުޅުދުއްފުށި ޓީމު “ބޮއިކޮޓް” ކޮށްފައި އޮތް ކަހަލަ ގޮތަކަށް ފެނިގެން ދިޔަ އެވެ. އަދި މުބާރާތުގައި ކުޅުދުއްފުށީ ޓީމު ތަމްސީލް ކުރުމުގެ ބަދަލުގައި އެހެން ރަށްރަށް ތަމްސީލުކޮށް ސޯސަލް މީޑިޔާ އާއި އެހެނިހެން ގޮތްގޮތުން ކުޅުދުއްފުށީ ޓީމަށް ވަރަށް ނޭއްގާނީ ގޮތަކަށް ފާޑު ކިޔާފައިވެސް ވެއެވެ. އަދި އެ ކުޅުންތެރިން ނިސްބަތްވާ ދަނޑު ނޫން އެހެން ނަމެއްގައި ޓީމް އޮންނާތީ ބައިވެރި ނުވަނީކަން ފާހަގަވާފަދަ ގޮތަކަށްވެސް އިބާރާތްތައް ފާހަގަވެގެން ގޮސްފައިވެ އެވެ.
މިފަދަ ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކާލުމުން ބުނަނީ ކުޅުދުއްފުށީގައި ތިބި ކޯޗުން ލައިގެން ޕްރެކްޓިސް ކުރަން ބޭނުން ނުވަނީ ކަމަށެވެ. އެ މުބާރާތުގައިވެސް މި މުބާރާތުގައިވެސް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ ކޯޗިން ސްޓާފުންކަމަށް ވާއިރު އެ ހިޔާލު ބަލައިގަނެ މިކަން ޒިންމާދާރު ގޮތެއްގައި އިސްލާހުކުރުމަށް ކައުންސިލްގެ މުހިއްމު ރޯލެއް އޮތްކަމަށް އަޅުގަނޑަށް ފެނެއެވެ. އެހެނީ މިފަހަރުގެ މުބާރާތުގައި ޓީމުތައް ތަމްސީލުކުރަން ޖެހެނީ އެ ރަށަކަށް ވެފައި އެ ރަށެއްގެ ޓީމު ނެރެން ޖެހެނީ ކައުންސިލުންކަން ފާހަގަކޮށްލެވެ އެވެ.
މިކަމާއި ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ މިނިވަން 50 މުބަރާތައް ޕްރެކްޓިސް ކުރުމުގައި ނަމުގައި އަދި ޕްރެކްޓިސް ފެށިފައި ނުވިނަމަވެސް ދާދި ފަހުން ނިމިގެން ދިޔަ ހިރަފުސް ކަޕަކީ ވެސް ކުޅުންތެރިންނަށް ތަމްރީން ލިބިގެންދިޔަ މުބާރާތެއް ކަމަށެވެ.
އަދި ޕްރެކްޓިސް އެއިރު ލަސްވެފައިވަނީ ވެސް ހިރަފުސް ކަޕް ނުނިމޭތީ ކަމަށާއި މިމަހު 14 ވަނަ ދުވަހުން ފެށިގެން ޕްރެކްޓިސްތައް ކުރިއަށް ދާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މިހާ ހިސާބުން ކައުންސިލުން މިކަމުގައި އެދެވޭ ގޮތަކަށް އަމަލުކުރަމުން ނުދާކަން ހާމަވާ ބައެއް ޕޮއިންޓްތައް ފާހަގަކޮށްލާނަމެވެ. ކައުންސިލަކީ އެ ރަށެއްގެ އެންމެ ޒިންމާދާރު މުއައްސަސާއަށް ވެފައި ކައުންސިލުން މައްސަލަތައް ތަފާތު ގޮތްގޮތަށް ހައްލު ކުރުމުގައި ގެންގުޅޭ އުސޫލުތައް ވާންޖެހޭނީ ވަރަށް ތަފާތު އުސޫލުތަކަކަށެވެ. އެހެން ނޫންނަމަ އަބަދުވެސް އޮންނާނީ ފެއިލްވެފަ އެވެ. އެހެން ނޫންނަމަ މި މުބާރާތަށް ޕްރެކްޓިސް ކުރުމަށް އެންމެ ފުރަތަމަ އެންގި ދުވަހު ޕްރެކްޓިސް އަށް ދާނީ ދެ ކުޅުންތެރިންނެއް ނޫނެވެ. ގިނަ ކުޅުންތެރިން ބުނަނީ “ތިމަންނައަށް ނުވެސް އެނގޭ” ކަމަށެވެ.
ކައުންސިލްއިން ޓީމުގެ ކުޅުންތެރިންނާ އަދިވެސް ބައްދަލުކޮށްފައި ނުވާއިރު އެންމެ އެދެވޭ ގޮތެއްގައި އެކުލަވާލި ސްޓީރިން ޓީމުގެ ބައްދަލުވުންތައް ބާއްވާފައެއް ނުވާކަން ފާހަގަ ކޮށްލެވެ އެެވެ. މީގެ އިތުރުން ފަންޑް ހޯދުމުގައިވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުން ދާތަނެއްވެސް ނުފެނެ އެވެ. އެ ރަށަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް ލައްކައިން ޓީމުތަކަށް އެހީވާތަންވެސް އެބަފެނެ އެވެ. މިފަދަ ކަންކަމަކީ ކުޅުންތެރިން އެންމެ ބޭނުންވާ ތަފާތު ކޯޗެއް ހޯދުމަށް އޮތް ހައްލެވެ. މާދަމާ ކެތްނުވާވަރުގެ މަންޒަރެއް ބަލަން ބޭނުން ނޫނިއްޔާ އެންމެން އެއް އަޑަކުން އެއް ޖޯޝެއްގައި މިކަމަށް ތަންކޮޅެއް ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރަން އެބަ ޖެހެ އެވެ.