ހދ އަތޮޅުގައި އިމާރަތް ކުރަން ހަމަޖެހިފައިވާ ސްކޫލްތަކުގެ ތެރެއިން 1.5 މިލއަނަށް ވުރެ ކުދި ޕްރޮޖެކްޓްތައް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމާ ބެހޭގޮތުން ކައުންސިލުން އެޑިއުކޭޝަން މިނިސްޓަރާ މަޝްވަރާ ކުރައްވައިފި އެވެ.
ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބުދުލް މުހައިމިނު ވިދާޅުވީ އެޑިކޭޝަން މިނިސްޓްރީގެ ފަރާތުން އެއަތޮޅުގައި ކުރިއަށްގެންދަން ހަމަޖެހިފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނުވާ ޕްރޮޖެކްޓްތައް ކައުންސިލްގެ ބެލުުމުގެ ދަށަށް ގެނައުމާ ބެހޭ ގޮތުން މިނިސްޓަރ ޑރ. އައިޝަތު ޝިހާމާއި މަޝްވަރާ ކުރެއްވި ކަމަށެވެ.
މުހައިމިނު ވިދާޅުވީ ކައުންސިލާ އެކު މިނިސްޓްރީން ވެސް ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވެލައްވާ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
މީގެ އިތުރުން ސްކޫލްތަކުގައި ބެލެނިވެރިންނަށާއި ދަރިވަރުންނަށް ހޭލުންތެރިންކަމުގެ ޕްރޮގުރާމްތައް ހިންގުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރެއްވިކަމަށް މުހައިމިން ވިދާޅުވި އެވެ.
އެގޮތުން އަތޮޅު ކައުންސިލުން ހަރަދު ކޮށްގެން ރާވަން ހަމަޖެހިފައިވާ ޕްރޮގުރާމްތަކުގެ ތެރެއިން ކެރިއާ ގައިޑެންސް، ޕޭރެންޓް އެވެއާރނެސް އަދި އަައު މަންހަޖަށް ކުދިން އަހުލުވެރިކުރުން ފަދަ ޕްރޮގުރާމްތައް ހިމެނޭ ކަމަށް މުހައިމިން މައުލޫމާތު ދިނެވެ.
ހދ އަތޮޅަށް އެޑިއުކޭޝަން މިނިސްޓަރު ކުރި ދަތުރުފުޅުގާ މިދިޔަ އާދިއްތަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން ކައުންސިލް އިދާރާގައި ކުރި މި މަޝްވަރާގައި ވަނީ ކައުންސިލްގެ މެމްބަރުންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެފައި އެވެ.