ކުޅުދުއްފުށީގައި “އިންފްލުއެންޒާ ސާރވެއިލެންސް” ޓްރެއިންނިން ޕްރޮގުރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
“އިންފްލުއެންޒާ ސާރވެއިލެންސް” ޓްރެއިންނިން ޕްރޮގުރާމަކީ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އަދި އެޓްލަންޓާ ޔޫ.އެސް.އޭގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިންފްލުއެންޒާގެ މަސައްކަތް ކުރުމަށް ހިންގި ޕްރޮޖެކްޓްގެ ދަށުން އިންފްލުއެންޒާއަށް ޓެސްޓް ކުރުމަށްޓަކައި ސެންޓްރަލް ސައިޓްތަކެއް ގާއިމް ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަށް ހޭލުންތެރި ކުރުވުމަށް ބޭއްވި ޓްރެއިނިން ޕްރޮގްރާމެކެވެ.
ކުރީގެ ގައުމީ އިދާރާގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ޖުމްލަ 45 ފަރާތެއް ވަނީ ބައިވެރިވެ ސެޓްފިކެޓް ހޯދާފައިއެވެ. އޭގެ ތެރޭގައި ނަރުހުންނާއި ހޮސްޕިޓަލްގެ އެކި ދާއިރާގައި އުޅުއްވާ ބޭފުޅުން ހިމެނެއެވެ.
މި ޕޮރޮގުރާމްގެ ސަބަބުން އިންފްލުއެންޒާއާއި ބެހޭގޮތުން ލިބުނު މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް އެކަށޭނަ ހިދުމަތްތަކެއް ފޯރުކޮށްދީ އެ ހިދުމަތުގެ ސަބަބުން މި ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމަކީ ކޮންމެ މީހަކުވެސް އަދި ހާއްސަކޮށް ސިއްހީ ދާއިރާގައި އުޅުއްވާ ބޭފުޅުން ކުރަންޖެހޭނެ ކަމެއްކަމަށް ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ވަހީދު ވިދާޅުވިއެވެ.
އިންފްލުއެންޒާ ޓެސްޓް ކުރުމުގެ މަގުސަދަކީ ރޯގާ ޖެހިގެން ހޮސްޕިޓަލަށް ރިޕޯޓްކުރާ މީހުންގެ ތެރޭގައި ފެތުރެނީ ކޮންކަހަލަ ވައްތަރުތަކެއްތޯ ބެލުން ކަމަށް ޕަބްލިކް ހެލްތުން މައުލޫމާތު ދިނެވެ.
މި ޕްރޮގުރާމްގެ ސަބަބުން އިންފްލުއެންޒާ ވެކްސިން އުފެއްދުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އިންފްލުއެންޒާގެ ވައްތަރުތަކުން ރައްކާތެރިވެ ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެގެން ދާނެ ކަމަށް ޕަބްލިކް ހެލްތުން މައުލޫމާތު ދިނެވެ.