ޔޮޓް ޓުއާޒް މޯލްޑިވްސްއިން ހއ އަތޮޅުގަ ހިންގަމުންދާ އަލިދޫ ރިސޯޓްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
އެ ރިސޯޓް މަސައްކަތް ކުރާ ބައެއް މުވައްޒަފުން “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ބުނީ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާގައި 8 މަސް 9 މަސް ވެފައިވާ ކަމަށެވެ. މުސާރަ ނުދޭތީ ގިނަ ދިވެހި މުވައްޒަފުން ވަޒީފާ ދޫކޮށްލާފަ ގޮސްފައިވާކަމަށް ވެސް އެމީހުން ބުންޏެވެ.
އެމީހުން ބުނީ ރިސޯޓްގައި މަސައްކަތް ކުރާ މިހާރު ތިބޭނީ 15 ވަރަކަށް ދިވެހި މުވައްޒަފުން ކަމަށެވެ. މިހާރު ގިނައީ ބިދޭސީ މުވައްޒަފުން ކަމަށާއި އެމީހުންނަށް ވެސް މަހުން މަހަށް މުސާރަ ނުދޭކަމަށް އެ ރިސޯޓްގެ މުވައްޒަފުން ބުނެ އެވެ.
” އެތަނުގައި މަސައްކަތް ކުރި ދިވެހި މުވައްޒަފުންތައް މިހާރު ވީ މުސާރަ ނުދޭތީ އެކި ތަންތަނަށް ބަދަލުވެފަ، މިހާރު ގިނަވަނީ ބިދޭސީ މުވައްޒަފުން. ބިދޭސީންގެ ތެރޭގައި ވެސް އެބަހުރި މުސާރަ ނުދޭތާ 11 މަސްވެފަ ތިބި މީހުން ” މިނޫހާ ވާހަކަ ދެއްކި އަލިދޫ ރިސޯޓްގެ މުވައްޒަފުން ބުންޏެވެ.
އޭނާ ބުނީ މުސާރާއިގެ އިތުރުން ކެއުން ވަރަށް ވަރަށް ދަށް ކަމަށެވެ. އެގޮތުން މުވައްޒަފުން ކެއުމަށް ގިނައިން ހުންނަނީ މުގު ރިހަ އާއި ބަތް ކަމަށް އެމީހުން މައުލޫމާތުދެ އެވެ. އެރިސޯޓްގެ ބައެއް މުވައްޒަފުން ބުނީ މުސާރާގެ މައްސަލާގައި ޔޮޓް ޓުއާޒްގެ މެނޭޖްމެންޓާ އެތައް ފަހަރެއްގެ މަތިން ބަދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް މިކަމަށް އަމަލީގޮތުން ހައްލެއް ނުލިބޭކަން އެމީހުން ފާހަގަ ކުރި އެވެ.
މިކަމާ ގުޅިގެން އަލިދޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރ ހަސަން އަލީ ވިދާޅުވީ މީޑީއާ ތަކަށް މައުލޫމާތު ދިނުމުގެ ހުއްދަ އޭނާއަށް ނޯންނަ ކަމަށެވެ. ޔޮޓް ޓްއާޒްގެ ހެޑް އޮފީހުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.