ހދ ނޭކުރެންދޫ ފުލުހުންގެ ހިދުމަތް ގާއިމުކޮށް އެ ރަށުގައި ފުލުހުންގެ އިދާރާއެއް ހުޅުވައިފި އެވެ.
ނޭކުރެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޭކުރަންދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ ޕޮލިސް ކަމިޝަނާ ހުސެއިން ވަހީދާއި ނޭކުރަންދޫ ކައުންސިލްގެ ރައީސް ޝިޒާނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ހުރިހާ ފުލުހުން ވެސް ރައްޔިތުންނާ ގުޅިގެން ކުށް މަދު އަމާން މުޖުތަމައެއް ދެމެހެއްޓުމަށް ގޮވާލެއްވި އެވެ.
ނޭކުރަންދޫ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވަނީ–ފޮޓޯ: ވާހިދު
އަދި ރަށުގެ އަމާން އޮމާން މާހައުލެއް ގާއިމުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަމާއެކު ހިދުމަތް ދިނުމުގައި ދެމިތިބުމަށް ކޮމިޝަނާ ގޮވާލެއްވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގައި ފުލުހުންގެ އިދާރާއިގެ ހުޅުވުމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ތަކެއް ވެފައިވާ ކަމަށާއި މިއަދު އެކަން ހަގީގަތަކަށް ވުމުގެ އުފާ ކުރާ ކަމަށެވެ. އަދި އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ވެގެން މި ދިޔައީ ރައްޔިތުންނާއި މަޖިލިސް މެމްބަރު އަނާރާއާއި ހދ ކައުންސިލް ގުޅިގެން ކުރި ބުރަ މަސައްކަތުކަން ފާހަގަ ކުރައްވާ އެފަރާތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވަނީ–ފޮޓޯ: ވާހިދު
ނޭކުރެންދޫގައި މިއަދު ހުޅުވުނު ޕޮލިސް ސްޓޭޝަނަކީ އެރަށުގެ ސިއްހީ މަރުކަޒުގެ ބައު އިމާރާތެވެ. މި އިމާރާތް މަރާމާތުކުރުމަށް ރައްޔިތުންގެ މާލިއްޔާއިން 3 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިރަސްމިއްޔާތުގައި ފުލުހުންގެ ވެރިންނާއި ނޭކުރެންދޫ ކައުންސިލަރުންނާއި ހދ އަތޮޅު ކައުންސިލްގެ ރައީސް އާއީ އެދާއިރާގެ ކައުންސިލަރު ހުސެއިން ޝަގީފް ބައިވެރިވި އެވެ