ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ ކޮންމަ ރަށެއްގައިވެސް އަމާން ވެއްޓެއް ގާއިމް ކުރުމަށް ކަމަށް ކޮމިޝަނާ ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ހުސެއިން ވަހީދު މިހެން ވިދާޅުވީ ނޭކުރަންދޫގައި ހުޅުވި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުންނެވެ.
ހުސެއިން ވަހީދު ވިދާޅުވީ ކޮންމެ ރަށެއްގައި މަސައްކަތް ކުރާ ފުލުހުން ކުށްމަދު ވެއްޓެއް ގާއިމް ކުރުމަށްޓަކައި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާނެކަމަށާއި އަދި ފުލުހުންގެ ހިދުމަތް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ދިނުމަށް މަސައްކަތް ކުރައްވާ ކަަމަށެވެ.
ނޭކުރަންދޫ ރައްޔިތުންނާ މުހާތަބުކޮށް ކޮމިޝަނާ ވިދާޅުވީ ނޭކުރަންދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރުމަށްޓަކައި އެރަށުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން ނޭކުރެންދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރުމަށްޓަކައި 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެވެމުން އަންނަކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ނޭކުރެންދޫގައި ގާއިމް ކުރެވިގެން މިދިޔަ ޕޮލިސް ސްޓޭޝަންގެ ކުރިއަށް ދާނީ ރަށުގެ މުވައްސަސާތަކާއި ރައްޔިތުންނާވެސް ގުޅިގެން ކަމަށާއި އަދި ނޭކުރަންދޫގެ ފުލުހުންވެސް މަސައްކަތް ކުރާނީ ރަށުގައި ރައްޔިތުންގެ ކުރިއެރުމަށާއި ކުށްކަމަދުކޮށް އަމާންކަން ގާއިމް ކުރުމަށް ކަމަށް ކޮމިޝާނާ ވިދާޅުވި އެވެ.
އަދި މީގެ ކުރިން ބައެއް ރަށްރަށުގައި ހުޅުވި ޕޮލސް ސްޓޭޝަންތައް އެކި ސަބަބުތަކާ ގުޅިގެން ބަންދުކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް ނޭކުރަންދޫގައި މިފަދަ މައްސަލައެއް ދިމާނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ކޮމިޝާނާ ވިދާޅުވި އެވެ.
ކޮމިޝާނާ ހުސެއިން ވަހީދުގެ މިދަތުރު ފުޅަކީ ވިދާޅުވީ މާޅޮސް މަޑުލު އުތުރު ބުރިއަށާއި މިލަދުން މަޑުލު އުތުރު ބުރިއަށް އަދި ތިލަދުންމަތީ ދެކުނު ބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފެކެވެ