އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “އެހީ ޖަމްއިއްޔާގެ” ފަރާތުން ހދ ނޭކުރަންދޫގައި ޔަތީމް ހާނާއެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ބޭރުގެ އެހީ ހޯދައިގެން އެޅުމަށް ހަމަޖެހިފައިވާ މި ޔަތީމް ހާނާ އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީ ޖަމްއިއްޔާއިން ވަނީ ނެދަރލެންޑްސްގެ ލެސޫކް ފައުންޑޭޝަނާ ދެމެދު އެމްއޯޔޫގަ ސޮއިކޮށްފަ އެވެ.
އެހީ ޖަމްއިއްޔާގެ ސެކްޓަރީ ހަސަން ދިލްޝާން “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ ޔަތީމް ހާނާ ހެދުމަށް ނިންމާފައިވާނީ ބޭރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ. އެގޮތުން ލެސޫކް ފައުންޑޭޝަނާ އެހީ ޖަމްއިއްޔާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާ ހަމަ ޖެހުމުން އަމަލީ މަސައްކަތް ފަށާނެ ކަމަށާއި އަދި އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ބުނަށް ނޭގޭ ކަމަށެވެ.
ދިލްޝަން ވިދާޅުވީ ޔަތީމް ހާނާ އެޅުމަށް ބޭނުންވާ ބިން ކައުންސިލް މިހާރުވެސް ހަމަޖައްސާދީފައިވާ ކަމަށެވެ.
އެގޮތުން ފުރަތަަމަ ފޭސް އަށް 25000 އަކަ ފޫޓްގެ ބިމެއް ނޭކުރަންދޫއިން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
” ފުރަތަމަ ފޭސްއަށް 25000 އަކަ ފޫޓްގެ ބިމެއް ލިބިފައިވަނީ، ކުރިއަށް އޮތްތާ އެތަން އެކްސްޓެންޑް ކުރެވޭ ގޮތަށް ޖުމްލަ 80000 އަކަ ފޫޓް ލިބޭގޮތަށް ރިޒާވްކޮށްފަ އިންނާނީ ” އެހީ ޖަމްއިއްޔާގެ ސެކްޓަރީ ދިލްޝަން ވިދާޅުވި އެވެ.
ނޭކުރަންދޫ ކައުންސިލް ބުނީ ޔަތީމް ހާނާ އެޅުމަށް އެހީ ޖަމްއިއްޔާއަށް ބިން ދޫކޮށްފައިވަނީ އެރަށުގެ ޖަލު އަޅަން ދޫކޮށްފައިވާ ސަރަހައްދު ކައިރީން ކަމަށެވެ.