twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހައި ކޯޓުގެ ދެ ގޮތްޕަށް ކަނޑައެޅި ފަނޑިޔާރުންގެ އެކޮމަޑޭޝަން ފައިސާ ކޮމެޓީން ހަމަޖައްސައިދީފި

Aug 27, 2015

ހދ ކުޅުދުއްފުއްޓާއި ސ ހުޅުދޫގައި އެޅުމަށް ހަމަޖެހިފައިވާ ހައިކޯޓުގެ ގޮފިތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް އެކޮމަޑޭޝަން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހަމަޖައްސައިދީފި އެވެ.

މާލިއްޔަތު ކޮމެޓީން އެ ފައިސާ ހަމަޖައްސައިދެއްވީ އެ ފައިސާ ހަމަޖައްސައި ދެއްވުން އެދި އުއްތަމަ ފަނޑިޔާރު މާލިއްޔަތު ކޮމެޓީއަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ނެވެ.

އެ މައްސަލައާ ގުޅިގެން ކޮމެޓީ މެމްބަރުން ވަނީ ފުޅާ ދާއިރާއެއްގައި އެކަމަށް މަޝްވަރާކޮށްފަ އެވެ. އެގޮތުން ޝަރުއީ ދާއިރާއަށް މި އަހަރު ފާސްކޮށްދެއްވި ބަޖެޓުގައި ފަނޑިޔާރުންގެ އެކަމަޑޭޝަނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާފައި ނުވާކަން މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ މި ދެ ސަރަހައްދުގައި ގާއިމުކުރާ ހައިކޯޓުގެ ފަނޑިޔާރުން ތިއްބަވާ އިމާރާތްތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރާ ފައިސާގެ އަދަދު ސުޕްރީމް ކޯޓުން ވަނީ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާފަ އެވެ. އެގޮތުން ހދ. ކުޅުދުއްފުށީގައި ފަނޑިޔާރުން ތިއްބަވާ އިމާރާތަށް މަހަކު 75،000 ރުފިޔާ ހަރަދުވާނެ ކަމަށް ސުޕްރީމް ކޯޓުން މަޖިލީހަށް ފޮނުވި ލިޔުމުގައިވެ އެވެ.

މީގެ އިތުރުން ސ. ހުޅުދޫގައި ފަނޑިޔާރުން ތިއްބަވާ އިމާރާތަށް މަހަކު 60،000 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިއެވެ. އަދި މި އަދަދުތަކަކީ ބޮޑެތި އަދަދުތަކެއް ކަމަށް މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައި ގަންނަވާ މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މާލިއްޔަތު ކޮމެޓީން ނިންމެވި ގޮތުގެ ތަފްސީލް:

މާލިއްޔަތު ކޮމެޓީގެ މެމްބަރުން އެ މައްސަލަ ދިރާސާކޮށް އެންމެ ފަހުން ނިންމެވީ ތިއްބަވާނެ ފަނޑިޔާރުންގެ އެކަމަޑޭޝަނަށް ކަރަންޓާއި ފެނާއި އަދި އެހެނިހެން ހަރަދުތަކަށް ކުޅުދުއްފުށީގައި މުޅި ޖުމުލަ މަހަކު 45،000 ރުފިޔާ އަދި ސ ހުޅުދޫގައި މުޅި ޖުމުލަ މަހަކު 60،000 ރުފިޔާ ހަމަޖެއްސުމަށެވެ.

ރާއްޖޭގެ މި ދެ ސަރަހައްދުގައި ތިއްބަވާ ފަނޑިޔާރުން ތިއްބަވާނެ އެކަމަޑޭޝަން ހަމަޖައްސައިފައިވީ ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުންނަށް ދެއްވާ ލިވިން އެލަވަންސް އުނިނުކުރެވޭނެ ކަމަށް އެ މައްސަލަ ދިރާސާކޮށް ނިންމެވި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އިމާރާތް ކުއްޔަށް ހިފާ ފައިސާއަކީ ފަނޑިޔާރުންގެ އަތްޕުޅަށް ދެއްވާ ފައިސާއެއް ނޫން ކަމަށާއި އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނީ ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑުމިނިސްޓުރޭޝަނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355