ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން ހދ. ނޭކުރަންދޫގައި މިހާރު ބަންނަމުން އަންނަ ކަޅުއޮއްފުންމީގެ ނަކަލުގެ ބައެއް ލަކުޑިތަކުގައި ރޭ ބަޔަކު ރޯކޮށްލައިފި އެވެ.
ދައުލަތުން މިލިޔަނެއްހާ ރުފިޔާ ހަރަދުކޮށްގެން ބަންނަ ކަޅުއޮއްފުންމީގައި ރޯކޮށްލީ ރޭ ދަންވަރުކަމަށް ވެ އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ހަވީރަށް ދިން އިޓަވިއުއެއްގައި ވިދާޅުވީ ކަޅުއޮއްފުންމި ބަނުމަށް ޖަހާ އިލީގެ ގޮތުގައި ބޭނުން ކުރުމަށް ހޯދާފައިވާ ކުރެދިތަކުގައި ރޯކޮށްލީ، ރުކުގެ ފަން ފަދަ ފަސޭހައި އަލިފާން ރޯވާ އެއްޗެހި ލަކުޑިތަކުގެ މައްޗަށް އެޅުމަށް ފަހު އެވެ. އެކަމަކު ލަކުޑިތައް ހުލި ނުވަނީސް އެތަން ބެލެހެއްޓުމަށް ތިބި ވޮޗަރުންތައް އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެރިޓައިމް އެންޑް އަންޑަ ވޯޓާ ހެރިޓޭޖްއާ ހަވާލުކޮށްގެން ސަރުކާރުން މި މަސައްކަތް ކުރާ ސަރަހައްދު ބެލެހެއްޓުމަށް ދެ ވޮޗަރުން ތިބެ އެވެ. އެކަމަކު އަލިފާން ރޯކޮށްލިތަން މި މީހުންނަށް ފެނިފައި ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
“ރޯވުމާއެކު އަލިފާން ނިއްވާލުމުން ހުރިހާ ލަކުޑިއެއް ނުއަނދާ. އެކަމަކު ކުރެދި އަކީ ފަސޭހައިން ހުޅު ހިފާ އެއްޗަކަށް ވުމުން ވަރަށް ގިނަ ލަކުޑި ހުރީ އަނދާފައި،” އޭނާ ވިދާޅުވި އެވެ.
ކަޅުއޮއްފުންމި ބަނުމަށް ކުރެދި ހޯދާފައިވަނީ ށ. އަތޮޅުންނެވެ. ސަލީމް ވިދާޅުވީ އަނެއްކާ ވެސް ލަކުޑި ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ލަކުޑިތަކުގައި ރޯވެގެން މަސައްކަތަށް ބުރު އެރި ނަމަވެސް އެ މަސައްކަތް އިތުރަށް ލަސްވެގެން ނުދާނެ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތް ނިންމަން ހަމަޖެހިފައިވާ ދުވަހެއް ސަރުކާރަކުން ނުބުނެ އެވެ.
ލަކުޑިތަކުގައި ރޯކޮށްލި މީހުން ހޯދުމުގެ މަސައްކަތް ފުލުުހުން މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތާރީޚީ ރަމްޒެއްގެ ގޮތުގައި ބަންނަ ކަޅުއޮށްފުންމި ސަލްޓަން ޕާކްގައި އާންމުންނަށް ދައްކަން ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.