މެދުމަދަރުސީ އަދި ސާނަވީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ހިންގާ ރެޑީ ކޭމްޕް 85 ދަރިވަރުންނާ އެކު އަފީފުއްދީން ސްކޫލުގައި މިއަދު ފަށައިފި އެވެ.
ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޭމްޕަކީ 3 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދާނެ ކޭމްޕެކެވެ.
މި ކޭމްޕްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ، ޖިނާޢީ ކުށްތައް ކުރުމުން ޢަމަލުކުރެވެމުންދާ ގޮތުގެ މައުލޫމާތު ދެވޭނެކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން އާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާއި ހަނގާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދެވޭނެކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް މި ކޭމްޕްގެ ތެރެއިން މުހިއްމު ގިނަ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައާއި ދަރިވަރުންނަށް ލިބޭ އެކިއެކި އަނިޔާތަކުން އެކުދިން ސަލާމަތްކޮށް ކުށުގެ ނުރައްކަލާ ދުރުގައި ދަރިން ތަރުބިއްޔަތު ކުރުމާއި ޤާނޫނާއި ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރި ވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަލާލައި މަޢުލޫމާތު ދެވޭނެކަމަށް ފުލުުލުން މައުލޫމާތުދެ އެވެ.
ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން ހިންގާ ޕްރޮގްރާމެކެވެ.