އާދަމް އިލްހާމް ނުވަތަ ފުޓްބޯޅައިގެ މަޝްހޫރު ނަމުންނަމަ އިއްލެއަކީ ކުޅުދުއްފުށީގެ ރަން ފުޓްބޯޅަ ތާރީޚްގައި ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ދަނޑު މަތީގައި ޑިސިޕްލިން މޮޅު ކުޅުމެއް ކުޅޭ އިއްލެ ވަނީ ކުޅުދުއްފުށީ މަގްލަސް ކްލަބުން ހޯދި ގިނަ ކާމިޔާބީ ތަކެއްގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ.
ފުޓްބޯޅަ ކުޅެން ފެށުނީ ކިހިނެތް؟ އަދި މިހާތަނަށް ކުޅެވުނީ ކޮން ޓީމުތަކަކަށް؟
ސްކޫލްގައި އުޅުނުއިރު ވަރަށްމަދުން މުބާރާތްތައް ކުޅެވިފައިވާނީ. ރަށުގެ ބޮޑެތި މުބާރާތްތައް ހާއްޞަކޮށް އަތޮޅު މުބާރާތްތައް ބަލަންގޮސް އަޅުގަނޑު ހިތަށްއަރާ ކޮންމެވެސް ދުވަހަކުން ރަށް ނުވަތަ ރަށުގެ ޓީމެއް ތަމްސީލްކުރާނަމޭ. އަދި އެއީ އަޅުގަނޑު ދެކުނު ހުވަފެނެއް. ސްކޫލްނިންމި އަހަރު އޭރުގެ އެންމެ ވާދަވެރި އަދި އެންމެ މަޝްހޫރު 2 ޓީމްކަމަށްވާ ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ އަދި މަގްލަސް ކުލަބުން ވެސް ކުޅުމަށް ފުރުޞަތު ލިބުނު. އަޅުގަނޑުގެ ޗޮއިސް އަކަށްވީ އޭރުވެސް އެންމެ މަޝްހޫރު ކުޅުންތެރިން އުޅުނު މަގުލަސް ކުލަބް. އޭގެފަހުން ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއަށްވެސް ކުޅެފައިވާނެ. އަދި ކުދި މުބާރާތްތަކުގައި ވަރަށްގިނަ ޓީމުތައް ތަމްސީލުކުރެވިފައިވާނެ.
މިހާތަނަށް ފުޓްބޯޅަ ހަޔާތުގައި ލިބިފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީ ތަކަކީ ކޮބާ؟
ކްލަބްލެވެލްގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ފުރަތަމަ މަގްލަސް އަށް ކުޅުނު އަހަރުވެސް ޗެމްޕިއަންކަން. އަދި އެކިފަހަރުމަތިން ހޯދި ޒޯންމުބާރާތްތަކާއި އަތޮޅު މުބާރާތްތަކުގެ ޗެމްޕިއަންކަން. މިމުބާރާތްތަކުގައި އެކިފަހަރުމަތީން އެންމެމޮޅު ފޯވާޑް، މިޑްފީލްޑަރ އަދި ޓޮޕް ސްކޯރަރގެ މަޤާމް ލިބިފައިވޭ. މީގެ އިތުރުން ރަށުފެންވަރުގެ ގިނަމުބާރާތްތަކެއް ކާމިޔާބު ކުރެވިފައިވޭ.
ފަސްޓް ޑިވިޝަންގަ ކުޅެވޭނެ ފަދަ ކުޅުންތެރިޔަކަށްވެފައި އެ ފެންވަރުގެ ނުފެނުމަށް ދިމާވި މައިގަނޑު ސަބަބަކީ ކޮބާ؟
2000 ވަނަ އަހަރު އޭރުގެ މަގްލަސް ޓީމުގެ ކޯޗު ހީނާ އަޙްމަދު ސަލީމްގެ ފަރާތުން ފުރަތަމަ ޑިވިޝަންގެ 2 ޓީމަކަށް ކުޅުމުގެ ފުރުޞަތު ހޯދައިދިން. ނަމަވެސް އޭރުގެ ހާލަތު ހުރިގޮތުން އެފުރުޞަތުތައް ދޫކޮށްލީ.
ފުޓްބޯޅައިގައި އެންމެ ތާއިދުކުރާ ކުޅުންތެރިންނަކީ ކޮބާ؟
ރާއްޖެއިން: ޢަލީ އަޝްފާޤް (ދަނގަޑޭ)
ރާއްޖެއިން ބޭރުން: ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅުދުއްފުށީގެ ކުޅުންތެރިން މާލޭގެ ކުލަބްތަކުން ނުފެންނަ މައިގަނޑު ސަބަބެއް ކަމަށް ޤަބޫލު ކުރަނީ؟
ރަށުގައިތިބެގެން ވަޒީފާއަދާކުރުމަށް އިސްކަން ދިނުން.
ފުޓްބޯޅަ ހަޔާތުގައި އެންމެ ހާސިލް ކުރަން ބޭނުންވާ ކާމިޔާބީއަކީ ކޮބާ؟
ކޮންމެ މުބާރާތަކާއިވެސް ކުރިމަތިލަނީ ކާމިޔާބަށް. އަޅުގަނޑު ކުޅެން ނިކުތީ އަތޮޅު އަދި ޒޯން ފެންވަރުގެ ކާމިޔާބީތައް ހޯދުމަށް ކަމަށްވާތީ، ފުޓްބޯޅަ ކުޅުންތެރިއެއްގެ އަމިއްލަ ހައިސިއްޔަތުން ހާސިލްކުރަންބޭނުންވާ އިތުރު ކަމެއްނެތް.
ފުޓްބޯޅަ ކުޅުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު އެއް ފެންވަރެއްގައި ފިޓްކޮށް ހުރުމަށް ކޮންކަހަލަ މަސައްކަތްތަކެއް ކުރަނީ؟
ކުޅިވަރު ކުޅުމަކީ ވަރަށްގިނަ ގުރުބާނީތަކެއް ވެގެން ކުރެވޭކަމެއް. މިހާގިނަދުވަހު ކުޅުމުގައި ދެމިހުރެވުނީ ކުޅުމުގެ ނުވަތަ ކުޅުންތެރިއެއްގެ ޑިސިޕްލިން ހިފަހައްޓާތީކަމަށް ޤަބާލުކުރެވެނީ.
މިނިވަން 50 މުބާރާތާއި މެދު ކުރާ އުއްމީދަކީ ކޮބާ؟
މިނިވަން 50 މުބާރާތުގައި އަޅުގަނޑު އުއްމީދުކުރަނީ ރަށުންބޭރުގެ ކޯޗާއި ސީނިޔަރ ކުޅުންތެރިންގެ އެއްބާރުލުމާއެކު ޒުވާން ޓީމެއް ނިކުމެ މުބާރާތް ކާމިޔާބުކޮށް ކުޅުދުއްފުއްޓަކީ ޒުވާން ހުނަރުވެރި ކުޅުންތެރިންތިބި ރަށެއްކަން މުޅި ރާއްޖެއަށް ސާބިތުކޮށްދިނުން.
ޒުވާނުންނަށް ދޭން ބޭނުން މެސެޖަކީ؟
ޒުވާނުންނަށް ދޭންބޭނުންވާ މެސެޖަކީ އެހާއަވަހަށް ތިމާމީ މޮޅުމީހެއްކަމަށް ޤަބޫލުނުކުރާށޭ. ކޯޗަކަށް ކޮންމެމީހަކު ހުރިނަމަވެސް ބުނާގޮތަށް މަސައްކަތްކޮށް ކުޅިވަރުގައި ކުރިއަށްދާން ބޭނުންނަމަ ހިތްވަރާއެކު ކުޅިވަރުގެ ޑިސިޕްލިން ހިފަހައްޓާ މީހަކަށްވާށޭ.
ޅަ ކުދިން ފުޓްބޯޅައިގެ މައިދާނުން ފެނުން މަދުވުމުގެ ސަބަބެއް ކަމަށް ޤަބޫލު ކުރަނީ؟
މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ފުޓްބޯޅަ ކުޅުމުގެ “ރޫހު” ނެތުމާއި ފަރުވާކުޑަވުން.
އެންމެ ހިތްވަރު ލިބެނީ ކޮން ބައެއްގެ ފަރާތުން؟ އަދި އެންމެ މަސައްކަތް ކޮށްލަން ފަސޭހައީ ކޮން ކޯޗަކާއެކު؟
އެއްވެސް ކޯޗަކާއެކު މަސައްކަތްކުރުމަށް އުނދަގުލެއްނޫން އެހެންނަމަވެސް ހީނާ ކޯޗް އެކީ މަސައްކަތްކުރުމަށް ވަރަށް ފަސޭހަ. އެންމެ ހިތްވަރު ލިބެނީ ރައްޓެހިންނާއި އެއިރެއްގެ ހުންނަ ޓީމެއްގެ ކޯޗާއި ކުޅުންތެރިން އަދި އާއިލާގެ ފަރާތުން.
ކުޅިވަރުގައި މިހާތަނަށް އެހީތެރިވެދިން ހުރިހާފަރާތްތަކަށް، ހާއްޞަކޮށް އާއިލާއާއި ރައްޓެހިން، ކޯޗުންނާއި އެކުގައި މަސައްކަތްކުރި ކުޅުންތެރިން އަދި އަޅުގަނޑުގެ ކުޅުމަށް ކޮމެންޓްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.
ކުޅިވަރުގައި ކުރިއަށް ދާން ބޭނުންނަމަ 3 ކަމެއް ކޮންމެހެން ބޭނުންވެއެވެ. އެއީ ހިތްވަރާއެކު މަސައްކަތް ކުރުމާއި އަނެކާއަށް އިހުތިރާމް ކުރުން އަދި ކުޅިވަރުގެ ޑިސިޕްލިން ހިފެހެއްޓުން.