ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން، އަތޮޅު ފެންވަރުގައި ފާހަގަ ކުރާ ދަނޑުވެރިންގެ ދުވަހާ މަސްވެރިންގެ ދުވަހުގެ ހާއްސަ ހަރަކާތްތައް މިއަހަރު ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު ވިދާޅުވީ މިއަހަރު މިހަރަކާތްތައް ކުޅުދުއްފުށީގައި ފާހަގަކުރާ ގޮތަށް ނިންމީ ގިނަ ބަޔަކު މިހަރަކާތްތަކުގައި ބައިވެރިކުރުމުގެ މަގުސަދުކަމަށެވެ.
އެގޮތުން ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު 17 ވާ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އޮންނަ ސަރަހައްދުގައި އެވެ،
ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގައި މިދިޔަ ބޭއްވި ކާބޯތަކެތީގެ މައުރަޒުގެ ތެރެއިން–
ރައީސް އާދަމް ނާސިރު ވިދާޅުވިގޮތުގައި ކާބޯތަކެތީގެ މައުރަޒަކީ އަތޮޅުގެ ދަނޑުވެރިންގެ އުއްފެދުންތައް ދައްކާލުމަށް ލިބިގެންދާ ފުރުސަތަކަށްވާއިރު ހޮނިހިރު ބާޒާރާ ދިމާކޮށް އެސަރަހައްދުގައި އެމައުރަޒު ބޭއްވުމުން އަތޮޅުގެ ގިނަ ބަޔަކަށް މާކެޓް ފޯރުކޮށްދެވޭނެ ކަމަށެވެ.
މަސްވެރީންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އަތޮޅަށް ހުޅުވާލައިގެން މަސްހޭރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާދަމް ނާސިރު ވިދާޅުވި އެވެ. މަސް ރޭސް ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޯބަރުމަގުގެ 14 ވަނަ ދުވަހު އެވެ.
ކާބޯތަކެތީގެ މައުރަޒުގައި އާއި މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅަށް ހުޅުވާލާފައިވާ ކަމަށް ނާސިރު ވިދާޅުވި އެވެ.
ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގައި މިދިޔަ ބޭއްވި ކާބޯތަކެތީގެ މައުރަޒުގެ ތެރެއިން–
މަސްވެރިންގެ ދުވަހާ ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރުގަ އެވެ. މިދިޔަ އަހަރު ހދ އަތޮޅު ފާހަގަކުރި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެން ގޮސްފައިވަނީ ވައިކަރަދޫގަ އެވެ.