ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބީއެމްއެލް އިންޝުއަރަންސްގެ ނަމުގައި އިންޝުރެންސްގެ ޚިދުމަތް ތަޢާރަފްކޮށްފި އެވެ.
ބީއެމްއެލް އިންޝުރެންސްގެ ހިދުމަތް ތައާރަފް ކުރީ ބީއެމްއެލްގައި މިއަދު ހަވީރު އޮތް ނިއުސް ކޮންފަރެންސެއްގަ އެވެ.
މިއަދު ތައާރަފް ކުރެވިގެން ދިޔަ ބީއެމްއެލް އިންޝުރެންސްގެ ދަށުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ ބްރާންޗެއްވެސް މެދުވެރިކޮށް އިންޝުއަރަންސް ޕްރޮޑަކްޓްތައް ލިބެން ހުންނާނެ އެވެ.
އެގޮތުން ބީއެމްއެލް އިންޝުއަރަންސްގައި އެކި ބޭނުމަށް ފަރުމާކުރެވިފައިވާ 6 އިންޝުއަރަންސް ޕްލޭން ހިމެނެއެވެ. މީގެ ތެރޭގައި ހޯމް ތަކާފުލް، މޮޓޯ އިންޝުއަރަންސް، މޯގޭޖް ޕްރޮޓެކްޝަން ޕްލޭން، އިންޑިވިޖުއަލް ޓަރމް އިންޝުއަރަންސް، ފަޔަރ އަދި މެރައިން ހަލް އިންޝުއަރަންސް ހިމެނެއެވެ. އަދި މިއިން ކޮންމެ އިންޝުއަރަންސް ޕްލޭނެއްވެސް އެ ކަސްޓަމަރެއްގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
ބީއެމްއެލް އިންޝުރެންސް ތައާރަފް ކޮށްދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް އިންޝުއަރަންސް ތަޢާރަފްކުރެވިގެން ދިޔުމާއެކު ކަސްޓަމަރުން އިންޝުއަރަންސް ހޯދުމަށް އެހެން ތަނަކަށް ދާކަށްނުޖެހޭނެ ކަމަށާއި ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް މި ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ބޭންކިންގ ޚިދުމަތްތަކާއެކު އިންޝުއަރަންސް ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެން ދިޔުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ކަމަށްވެސް އެންޑްރޫ ވިދާޅުވި އެވެ.
މިއަދުގެ ނިއުސްކޮންފަރެންސްގައި އެލައިޑް އިންޝުއަރަންސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަމީލް ވިދާޅުވީ މި ޕާޓްނަރޝިޕަކީ ރާއްޖޭގެ މާލީ ދާއިރާގައި އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
“ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރަންސް އަކީ ވެސް އަޅުގަނޑުމެންގެ މުޖްތަމައުގައި އަދި ވިޔަފާރި މާހައުލުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދެ ކުންފުނި. މި ޕާޓްނަރޝިޕަކީ ރާއްޖޭގެ މާލީ ދާއިރާގައި އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް. ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރަންސް އަކީ ވެސް އަޅުގަނޑުމެންގެ މުޖްތަމައުގައި އަދި ވިޔަފާރި މާހައުލުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ދެ ކުންފުނި.” އަމީލް ވިދާޅުވި އެވެ.
ބީއެމްއެލް އިންޝުއަރެންސް ޚިދުމަތުގެ ދަށުން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީތަކަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން ޒިންމާ ނަގާގޮތަށް އެކުންފުނިން ފޯރުކޮށްދޭ ޕޮލިސީތަކެކެވެ.