މެދުއިރުމަތީގެ އެންމެ ރަނގަޅު އޮޕަރޭޓަރަކަށް އަދި އެންމެ ރަނގަޅު ސީއީއޯ އެއް ހުރި ކުންފުންޏަށް އުރީދޫ ހޮވިއްޖެ އެވެ.
އުރީދޫއަށް މި އެވޯޑު ލިބިފައިވަނީ ދުބާއީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ‘ޓެލެކޮމްސް ވޯލްޑް މިޑްލް އީސްޓް އެވޯޑް 2015’ ގަ އެވެ.
އުރީދޫ އަށް އެންމެ ރަނގަޅު އޮޕަރޭޓަރުގެ އެވޯޑް ލިބުނީ އެ ކުންފުނިންދޭ ފޯޖީ ޕްލަސް އަދި ފޯޖީގެ ޚިދުމަތާއި އަދި އެ ކުުންފުނީގެ ކަސްޓަމަރުންގެ އިތުރުވަމުންދާ ވަރު ބަލާފައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މި އަހަރު ތެރޭ އުރީދޫ އިން ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދާފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބޭ ކަސްޓަމަރުންގެ އަދަދު 114 މިލިއަނަށް އެރުމާއި މޯބައިލް އިންޓަނެޓް ހިދުމަތް ތަރައްގީކުރުން ހިމެނޭ ކަމަށް އުރިދޫ އިން ބުންޏެވެ. އަދި ފާއިތުވި އަހަރު އުރީދޫ އަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.
އޭގެ އިތުރުން މި އެވޯޑު އުރީދޫއަށް ލިބިފައިވަނީ ސިއްހީ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މުވާސަލާތީ ހިދުމަތް ބޭނުންކޮށްގެން ތަރައްގީކުރުމަށް އުރީދޫ އިން ކުރާ މަސައްކަތަށް ބަލާފައި ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
މި އެވޯޑުގައި އެންމެ ރަނގަޅު ސީއީއޯގެ އެވޯޑް ލިބިފައި ވަނީ އުރީދޫ ގްރޫޕްގެ ސީއީއޯ ޑރ. ނަސީރު މަރަފީ އަށެވެ.