ހދ. ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހަނިމާދޫ ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ހަނިމާދޫގެ އިޖުތިމާޢީ ހާލަތާއި އާއްމުކޮށް ރަށުގައި ހިނގަމުންދާ ކުށްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ޢީދު ބަންދުގައި ގިނަ ބަޔަކު ރަށުގައި ޙަރަކާތްތެރިވަމުންދާއިރު ރަށު ތެރޭގެ ކަންތައްތައް ވީހާވެސް ބޮޑަކަށް ބެލިގެންދާނެ ގޮތަށް ކަންކަން އިންތިޒާމު ކުރަމުން ގެންދާތީ އެކަމުގައި ފުލުހުންނާ ކައުންސިލް ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައި ވެއެވެ.
މި ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލާ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދުކުރުމުގެ ގޮތުން ހިންގިދާނެ ތަފާތު ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ސްކޫލު ދަރިވަރުންނާއި ސްކޫލުގެ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ހިންގިދާނެ ޕްރޮގްރާމްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ. އަދި ސްކޫލް ކުދިންގެ އަހުލާގާއި ސްކޫލުތެރޭގައި ދިމާވާ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.
ހަނިމާދުގެ ކައުންސިލުން ވަނީ ކުށްމަދު ކުރުމަށްޓަކައި ފުލުހުން ރާވާ ހިންގާ ޕްރޮގްރާމްތަކަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަޤީން ފުލުހުންނަށް ދެއްވާފައެވެ. އަދި ބޮޑުޢީދު ބަންދުގައި ރަށުތެރެ ބެލެހެއްޓުމަށް އިތުރު މަސައްކަތަކެއް ކުރާނެކަމުގެ ޔަޤީންކަން މިބައްދަލުވުމުގައި ކައުންސިލް މެމްބަރުނަށް ފުލުހުން ވަނީ ދީފައެވެ.