ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ފަރާތުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަ ޓްރެއިނިން ސެޝަންއެއް އިއްޔެ ބާއްވައިފި އެވެ.
މި ޓްރެއިނިން ސެޝަންގައި އޭއީސީގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފަ އެވެ. މިސެޝަންގައި ނިއުގެ ހެޑްކޯޗް ސޮބާހު އަދި ގިނަ ކުޅުންތެރިންތަކެއް ވަނީ ފުޓުބޯޅައިގެ އެކި ހުނަރުތައް ކުދިންނަށް ދައްކާލަދީފަ އެވެ.
މީގެ އިތުރުން ނިއުރޭޑިއެންޓްގެ ކުޅުންތެރިން މިދިޔަ ބުދަ ދުވަހު ވަނީ ކުޅުދުއްފުށި ރީޖަނަަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާ ބައްދަލު ކޮށްފައިއެވެ.
ނިއުގެ ކުޅުންތެރިން ވަނީ ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ހާލު ބަލައި އެމީހުންނާ އެކީ ވަގުތު ހޭދަކޮށްފައި އެވެ. އަދި ކުލަބުގެ ފަރާތުން އެމީހުނަށް އެކި ހަދިޔާތައްވެސް ރައްދުކޮށްފައި އެވެ.
ނިއު ރޭޑިއެންޓް ޓީމުގެ ސްޕޯޓްސް މެނޭޖަރު އަމީން ފައިސަލް ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ޓީމު ކޮންމެ ރަށަކަށް ދަތުރުކުރި ކަމުގައި ވިޔަސް މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރަން ކުލަބުގެ މެނޭޖްމެންޓުން ނިންމާފައި އޮންނަކަމަށެވެ. އެގޮތުން އިޖުތިމާއީގޮތުން ރަނގަޅުކަމަކަށް މި ކަން ވުމުން ކުރި ކަމެއްކަމަށާއި މީގެ އިތުރުންވެސް އެކި ހަރަކާތްތަށް ކުޅުދުއްފުށީގައި ރޭވިފައިވާކަން އަމީން ފައިސަލް ބުންޏެވެ.