ކުރިޔަށް އޮތް ބޮޑު އީދުގައި ކުޅުދުއްފުށީގައި “ރައިޑާރސް ޑެވެލޮޕްމެންޓް ޕްރޮގުރާމް” ގެ ނަމުގައި ސައިކަލް ރޭހެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މޯލްޑިވްސް މޮޓޯރ ރޭސިން އެސޯސިއޭޝަން (އެމް.އެމް.އާރް.އޭ) ގެ އިންތިޒާމުގެ ދަށުން ބޭއްވޭ މި ރޭހަކީ ކުޅުދުއްފުށީގައި ތިބި ސައިކަލު ދުއްވުމަށް ލޯބި ކުރާ ކުދިންނާ ގުޅިގެން ކުރިޔަށް ގެންދާ އެވެއާރނެސް ޕްރޮގްރާމެއްކަމަށް މިކަމާ ހަވާލުވެ ހުންނެވި ފާރޫގު މުހައްމަދު ބުންޏެވެ.
މި އިވެންޓުގައި ރޭހުގެ އިތުރުން ސައިކަލް ސްޓަންޓް ޝޯ އެއްވެސް ކުރިޔަށް ދާނެ ކަމަށް ފާރޫގު ބުންޏެވެ. އަދި މިރޭސް ކުރިޔަށް ދާނީ މަގުމަތީގެ ގަވާއިދުގެ މަތިން ހުރިހާ ސޭފްޓީ ފިޔަވަޅުތަކާ އެކު ކަމަށް އޭނާ މައުލޫމާތު ދިނެވެ.
އީދު ދުވަހުގެ ހަވީރު ބާއްވާ މިރޭހުގައި ބައިވެރިވުމަށް ވަރަށް އަވަހަށް އިއުލާން ކުރެވި ފޯމު ދޫކުރަން ފަށާނެ ކަމަށާއި މި އެވެއާރނެސް ރޭހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ފާރޫގު ބުންޏެވެ.
މިފަދަ ބޮޑު ރޭހެއް ކުރިޔަށް ގެންދެވޭ އިރު މިކަމުގައި ފުލުހުންނާއި ސަރުކާރު އިދާރާ ތަކުގެ އެއްބާރުލުން ލިބެމުންދާ ކަން ފާރޫގު ފާހަގަކޮށް، އެފަރާތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އީދު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މި ރޭސް ކުރިޔަށް ދާނީ ކުޅުދުއްފުށީ އަމީނީ މަގުގެ ދެކުނު ކޮޅުގަ އެވެ. އެގޮތުން ރޭސް ކުރިޔަށް ދާ ވަގުތު އަތޮޅު ކައުންސިލު އިދާރާއިން ފެށިގެން އިންޖީނުގެ އާ ހަމައަށް އަމީނީ މަގު ބަންދު ކުރެވޭނެކަމަށް ފާރޫގު މައުލޫމާތު ދިނެވެ.
އެމް.އެމް.އާރް.އޭ އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި މިފަދަ ބޮޑު ސައިކަލް ރޭހެއް ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ.