ލިއުނީ: ޝިބާ އަލީ
ހުޅަނގު މޫސުމުގެ ރޭވަ ނިމިގެން ގޮސް އިރުވައި މޫސުމުގެ އައްސިދަ އާ ދިމާވީ ހީވެސް ނުކުރާހާ އަވަހަށެވެ. ދުވަހުގެ އެންމެ ހޫނު ގަދަ ވަގުތުގައި މަގުމަތީގައި އަހަރެން ހިނގާލާފައި ދިޔައީ ދާނެ ވަކި މަންޒިލެއް ކަނޑައަޅައިގެން ނޫނެވެ. މިހެން ހިނގާފައި ދަމުން އަހަރެންނަށް ވަދެވުނީ އަބަަދުވެސް އަހަރެންނަށް ވެދެވޭ ކުޑަކުޑަ ބަގީޗާއަށެވެ. އެއީ އަހަރެން ގަސްތުގައި ކުރި ކަމެއްނޫނެވެ. އިހްތިޔާރަކާ ނުލައި މިހާރަކަށް އައިސް ކުރެވެމުން އަންނަ ކަމެކެެވެ. ހީވަނީ އެބަގީޗާގައި ދަގައްފާނެއް އޮވެފައި އަހަރެންގެ ފައިގައި އޭގެން ދަމާބާރެއް ހުންނަ ހެންނެވެ.
ބަގީޗާއަށްގޮސް ވަދެވުމާއެކު އަހަރެންނަށް ފެނުނީ ފެހިކަންގަދަ ވިނަތައް ތޫނުކޮށް ހެދިފައިވާ މަންޒަރެވެ. ގަސްގަހުގައި ކުދިކުދި މޭވާތަކުގެ މާ އަޅަން ފަށާފައިވާ މަންޒަރެެވެ. ކޮކާތައް ވެސް އެސޮރުގެ ބައިވެރިޔާއާ އެކީ މާތަކުމަތިންނާއި ވިނަތަކުގެ މަތިން އެ އެއްޗެހިންގެ ފިޔަތަކަށް އަރާފައިވާ ކުލަކުލައިގެ ވިދުންތައް ފާޅުކުރަމުން ބަބުޅަމުން ދެއެވެ. ކޮތަރުތައް އެސޮރުމެންގެ ލޯބިވެރިންނާއެކީ އެބަގީޗާގައި ހައްދާފައިވާ ތާޒާ ގޮވާމުގެ ބާވަތްތައް ކައި އެކަކު އަނެއްކަކަށް ބެހުމުގައި އަވަދިނެތި އުޅެއެވެ. ގުރާތައްވެސް އެސޮރުމެންގެ ރާނީންނާއެކު ބައިބައި ހަދައިގެން ބަހުސްކުރާހެން އެކަކަށްވުރެ ބާރަށް އަނެއްކަކު ތަފާތު ރާގުރާގަށް ގޮވަމުންދެއެވެ.
އަހަރެންނަށް މިމަންޒަރުތައް ބަލަން ހުރެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގެއެވެ. ފާރުގަޔާއި ގަސްތަކުން ފެހިވެފައިވާ ބަގީޗާގެ ތެރޭގައި ހިނގަމުން ދަނިކޮށް ކުއްލިޔަކަށް އެއްޗެއްގައި އަޅަގައިނެފައި ނުވެއްޓުނީ ކިރިޔާއެވެ. އެއީ އަހަރެން އެތާ އެލުވި އުނދޯންޏެކެވެ. އެތައް އަހަރެން ވެގެން ދިޔައިރުވެސް ބަދަލެއްނާދެ އެވެ. “ހިތައި ހިތައި އަހަރެންނަށް ޝަހާދު ކިޔާލެވުނެވެ. އަދި އެއްމިޔަކަނުން ހީވެސް ލެވުނެވެ. އަހަރެން މަޑުމަޑުން އުނދޯލީގައި އިށީނދެ އަމިއްލަޔަށް ހެއްލާލުމުގެ ބަދަލުގައި އިންތިޒާރު ކުރެވުނީ އެހެންމީހަކު ހެއްލައިދޭންނެ ވަގުތަކަށެވެ. ގަސްދުގައެއް ނޫނެވެ. ބޭއިހްތިޔާރުގަ އެވެ. ތަަނަށް ޖެހެމުންދިޔަ މަޑު ފިނިރޯޅި ވައިގެ ސަބަބުން މުނިޔާތަކުގެ ލަވަަކުގެތަކުގެ ސަބަބުން އަހަރެން ތާއްޔާޖެހޭގޮތް ވިއެވެ. އެހެންކަމުން ކުޑަވަގުތު ކޮޅަކަށްފަހު ތެދުވުމަށް އޮށޯވެލީމެވެ. އުޑުގެ ކަފަކޮޅެއްފަދަ ވިލާތައް އެކިގޮތްގޮތަށް ބަދަލުވާތަން އަހަރެންނަށް ފެންނަަން ފެށިއެވެ. މިހެން އެކި ހިޔާލުތައް ކުރަން އޮއްވައި ކުއްލިއަކަށް އަހަރެންނަށް އަހަރެންގެ މާޒީ ހަނދާންވާން ފެށިއެވެ.
“މަޑުކޮށްލާ މަންމާ! އަހަރެން ހަމަ މިހާރު މިދަނީ!” އއ ރަސްދޫ ފާލަމުން ފައިބާފައި ރަށަށް ހަމައެޅުމާއެކު އަހަރެން ކަންފަތުގައި އެންމެ ފުރަތަމަ ޖެހުނު އަޑެވެ.
ހާސްކަމުން ފުރިފައިވާ ނަމަވެސް ރީތި އަޑެކެވެ. އަހަރެންނަށް އެއަޑުއައި ދިމާލަށް ބަލައިލުމާއެކު ފެނުނީ ދުވަހަކުވެސް ނުދެކޭ ފަދަ ރީތި އިންސާނެކެވެ. އެދޮން މޫނެވެ. ޖަންބުކުލަ އަރާފައިވާ ދެކޮލެވެ. ހިތިފަތު ބުމައެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ކަޅުކަންގަދަ ދެލޮލެވެ. އޭނާހުރީ އަހަރެމެންނާއި ގާތްގަނޑަކަށް ފަސްވަރަކަށް ފިޔަވަޅު ދުރުގައެވެ. އަހަރެންގެ އެކުވެރި ނިމާލް ކައިރީގައި އެއީ ކޮންކުއްޖެއްހޭ އަހާލި ވަގުތު އެކުއްޖާ އަހަރެންނާ ދިމާލަށް ބަލައިލި އެވެ. ހީވަނީ އަހަރެން ނިމާލް ކައިރީ އެހެން އެހި އަޑު އިވިގެން ބަލައިލި ހެންނެވެ. އަހަރެންދިޔައީ ސިއްސައިގެންނެވެ. އެއީ އެކުއްޖާގެ މަޑުފެހިކުލައިގެ ކަޅިފެނިފަ އެވެ. އަހަރެންނަށް ބަލަން ހުރެވުނެވެ. ނިމާލް އަހަރެން ތަޅުވާލުމުން އެކުއްޖާގެ ފިޔާތޮށި ދެތުންފަތުން ކޮންމެވެސް އެއްޗެކޭ ބުނެލި އެވެ. އެ ކުއްޖާ އުޅުނީ އެނާގެ ސްކޫޓަރ ސްޓާޓު ނުވެގެންނެވެ. އަހަރެމެންގެ އެތާ ތިއްބާ އަހަރެމެންގެ ސައިކަލު ރަށަށް ބޭލިއެވެ. އަދި ނިމާލް ގޮވައިގެން އަހަރެން ހުންނަށް ގެޔަށް ދާން ތައްޔާރި ވިތަނާ އެކުއްޖާ އައިސް ސައިކަލުގެ ކުރިމައްޗަށް އެރިއެވެ. އަހަރެން ސިއްސައިގެން ދިޔައެވެ.
“ވަރަށް އަވަހަށް ލިފްޓެއް ބޭނުން!” އެކުއްޖާ ބުންޏެވެ. “އެނގޭ އަހަރެން މިއީ ކާކުކަން ނޭނގޭނެ ކަންވެސް. އެކަމަކު ވަރަށް އަވަހަށް ގެއަށް ދާންބޭނުން. މިހިސާބުގަ ދެން ނެތް ސައިކަލްގަ އުޅޭމީހަކު ފެންނާކަށް. އަހަރެންގެ ސްކޫޓީ ސްޓާރޓެއްނުވި.. ޕްލީޒް” އަހަރެންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިގެން އެކުއްޖާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ހަމަޖެހިބަލަ! އަހަރެން ލިފްޓެއް ދީފާނަމޭ. އެކަމަކު އަހަރެން އަދި އަހަރެންގެ އެކުވެރިޔާ މިއީ މިރަށަށް މުޅިން އާ ބައެއް! ސާރވޭއެއް ކޮށްލުމަށް މިއައީ.” އަހަރެން ބުނީމެވެ.
އަހަރެން ވާހަކަ ދެއްކީ އެކުއްޖާގެ އެ ފެހިކުލައިގެ ކަޅިއަށް އެސްފިޔަވެސް ޖަހައިނުލާ ބަލަން ހުރެގެންނެވެ.
“މައްސަލައެެއްނެތް އަހަރެން ރާސްތާ ކިޔައިދޭނަން. އަހަރެން ބޭނުނީ އަވަހަށް ގެޔަށް ދާން” އެކުއްޖާ އެހެން ބުނުމުން ނިމާލް އަތުގައި ހުރި ދަބަސްތަކާއި އަހަރެންގެ ދަބަސް ހިފައިގެން ރުކެއްދަށުގައި ހުރި ރުއްބުޑެއްގައި އިށީނދެ އެކުއްޖާއަށް ޖާގަދިނެވެ. ވަކި ހިސާބަކަށްގޮސް އަހަރެންނަށް ސައިކަލު މަޑުކޮށްލުމަށް ބުންޏެވެ.”
މިއީ އަހަރެންގެ ގެ. ވަރަށް ބޮޑަށް ޝުކުރިއްޔާ”. “ބަގީޗާ” އަަހަރެން މަޑުމަޑުން ކިޔާލީމެވެ.
“މިފަދަ ބަގީޗާއެއްގައި ތިފަދަ ރީތި ފަތްމިންޏެއް އުޅޭކަން އަދި މި އެނގުނީ..މަރުހަބާ ދެން” އަހަރެން އެހެން ބުނުމާއެކު އެކުއްޖާގެ ޖަންބު ކުލަ އަރާފައިވާ ދެކޮލުގެ ކުލަ ގަދަވި އެވެ.
“ޝައިނާ” އެކުއްޖާގެ ނަންބުނުމުން އަހަރެންވެސް ތައާރަފް ވެލީމެވެ
.”ޝުއާއު”
އަހަރެން ފާލަން ކައިރިއަށް ގޮސް ނިމާލް ގޮވައިގެން އަހަރެމެން ހުންނަ ހަމަޖެހިފައިވާ ގެއަށް ދިއައީމެވެ. އެގެ ހުންނަނީ “ބަގީޗާ” އަށް ވުރެ ދެތިން ގެއެއް ފަހަތަށެވެ. އަހަރެންނަށް ބުނަން ނޭނގޭފަދަ އިހްސާސެއް އުފާވެރި އިހްސާސެއް ކުރެވުނެވެ. އެއީ ދެން ގިނަ ގިނައިން ޝައިނާ ފެންނާނެ ކަން އެނގޭތީއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހެއްގެ ހަވީރު އަހަރެން ގެއިން ބޭރުގައި ފޯނާ ކުޅެން އިންދާ ޝައިނާ އޭނާގެ ގެއިން ނުކުމެ އެގޭގެ ކުރިމަތީގައި ހުރި ކުޑަ ޖޯލިފަތީގައި އޮށޯވެލިއެވެ.
އަހަރެން ބަލަން އިންކަން ޝާއިނާއަށް ރޭކާލީ ކުޑަ އިރުކޮޅެއްފަހުން ކަން ނޭނގެއެވެ. އަހަރެން ފެނުމުން ހަނާއަޅާލި އެވެ. އަދި އޭނާގެ ކައިރީގައި އިން ޖޯލިފަތީގައި އިށީނުމަށް ދައުވަތު ދިނެވެ. އަހަރެން ތިރީސް ދެ ދަތް ދައްކައިގެން ފިރިހެން ވަންތަ ހިނގުމެއްގައި ޖިންސު ޖީބަށް އަތްޖަހާލައިގެން ގަމީހު އަތުުކުރި އޮޅާލައި ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން އަތުން ފުނާއަޅާމުން އައިސް ޝައިނާ ކައިރީގައި އިށީނީމެވެ.
“ވާވް! ޝުއާއު ތިއީ އިންސާނެތްތަ؟” ޝައިނާ ކޮށްލި ސުވާލުން އަހަރެން ކުއްލިއަކަށް ސިހުނެވެ. އަދި ހެވުނެވެ.
“ހެހެ ކިހިނެތްވީ؟ މާ ރިީތީތަ؟” ދޫ ބޭރުކޮށްލަމުން ޝައިނާއާ ދިމާލަށް އަހަރެން ބުނީމެވެ.
“އާނ! އަދި ދުވަހަކުވެސް ތިހާ ރީތި ފިރިހެން ކުއްްޖެ ނުދެކެން” ޝައިނާގެ ތައުރީފުގެ ބަސްތަކުން އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
އަހަރެންވެސް ފޮނި ފޮނި ބަސްތަކުން އަތުރީފް ކުރަމުން ގެންދިޔައީމެވެ. އުޑުމަތިން ރަތްވިލާ ޖަރީކޮށްލަން ފެށުމުން ޝައިނާ އަަހަރެން ކައިރީގައި މަންމައާއި ބައްދަލުކޮށްލަން އައުމަށް ބުންޏެވެ. އަހަރެން ގޮސް ޝައިނާގެ މަންމައާއި ބައްދަލުކުރީމެވެ. ބަލިހާލުގައި އެނދުން ނުތެދުވިފައި އޮތެވެ.
“ސޯ ޑޮކްޓަރ.. އަހަރެންގެ މަންމައަށް މިވަނީ ކިހިނެތްތަ؟ މިހާރު ދެމުންދާ ބޭހަކުން އެއްވެސް ކުރިއެރުމެއް ނުފެނޭ” ޝައިނާ އެހެން ބުނުމުން އަހަރެން ސިހުންކަން ޝައިނާއަށް ވަރަށް ރަނގަޅަށް އެނގުނެވެ.
“އާ.. ސިހުނީ ދޯ ޝުއާއުގެ އެކުވެރިޔާއާ މިއަދު ދިމާވެގެން އަހަރެން ޝުއާއު ވާހަކަ އެހީމަ ޑޮކްޓަރ އެކޭ ބުނީމަ އެނގުނީ” ޝައިނާ ހީލަމުން ބުންޏެވެ.
” ޝާއިގެ މަންމައަށް ވާގޮތް ބަލާލުމަށް އަހަރެން އެބަ އަންނަން” އަހަރެންގޮސް އަހަރެންގެ ކިޓް ހިފައިގެން އައިސް އަވަހަށް ޝައިނާގެ މަންމަ ބެލުމަށް ފަހު ވެގެން އުޅޭގޮތް ކިޔާދިނީމެވެ.
އަދި އެއަށްފަހު ބޭސް ދިނުމަށްފަހު ޝައިނާގެ މަންމައާ ވާހަކަ ދައްކާލުމަށް މަޑުކޮށްލީމެވެ.
“ޝައިނާ އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. ޝައިގެ ބައްޕަ ވަނީ ޝައިގެ އުމުރުން ދިހަ އަހަރުގައި ނިޔާވެފައި. އެއަށް ފަހު ޝައިއަށް ކިޔަވައި ދިނުމަށާއި އޭނާއަށް ބޭނުންވާ އެއްޗެހި ހޯދައި ދިނުމަށް އަހަރެން މަސައްކަތް ފެށިން. މިހެން އުޅެމުން 4 އަހަރުވީތަނާ އެކްސިޓެންޓެއްގައި އަހަރެންގެ ބުރަކަށީގެ ކަށިގަނޑު ބިނދި ނާރުތައް ހަލާކުވީ. އެއަށްފަހު ޝައި ސްކޫލުން ކެނޑިގެން އުޅެނީ އަހަރެންނަށް ހިދުމަތް ކުރަން. އެކުއްޖާފުޅު ވަރަށް ކިޔަވާހިތް ވާނެ ނަމަވެސް ހާލަތު ނިޔާކުރިގޮތުން އެކަމުންވެސް މަހްރޫމްވެފައި އެހުރީ. އަހަރެންނަށް ބޭސްކޮށްދެވޭތޯ ކުޑަކުޑަ ފިހާރައެއްގައި މަސައްކަތް ކުރަނީ. އަހަރެން ބުނަން ގޭގައި ނަމަވެސް ކަމެއްފަށަމާހޭ.. ކިޔަަވަން އުޅޭށޭ އެއިރުންނޭ މަންމަ ނެތް ދުވަހަކުންވެސް..” ޝައިނާގެ މަންމައަށް ރޮވޭގޮތްވުމުން އަހަރެން އެ މަންމަގެ ބޮލުފައި ފިރުމާލީމެވެ.
“ތިއީ އަދި ހަމައެކަނި ފިރިހެން ކުއްޖެއްގެ ވާހަކަ ޝައިނާ ދެއްކި ފިރިހެން ކުއްޖަކީ.. ޝައި ބުނާގޮތުން ޝުއާއު ވަރަށް ކަމުދޭ. ޝައިގެ ވާހަކަތަކުން އަހަރެންނަށް އެކަން ފާހަގަވޭ.. ޝުއާއުއަށް ނޭގުނަސް ފުރަތަމަ ނަޒަރުން ލޯބިވެވިދާނެ.. ޝައި އަށް އެވީ އެހެން..” ޝައިނާ އަހަރެންނާ ގަޔާވާކަން އެގުމުން އަހަރެން ހުރީ ދުނިޔެ ރަންވެފަ އެވެ. ޝައިނާ މަންމަގެ ވާހަކައިންވެސް އެއީ ރަގަނޅު ކުއްޖެއްކަން އެގުނެވެ. އެކަމަކު އަހަރެންނަށް ޝައިނާ ބައްދަލުވިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ހިޔާލެއްތެރޭގައި އިނދެފައި އަހަރެން ޝައިނާއާ ސަލާމް ކޮށްލާފައި ގެއަށް އައީމެވެ. އަދި ނިމާލްއާ އެވާހަކަތައް ހިއްސާކުރީމެވެ.
ނިމާލް ބުނިގޮތުންނަމަ އެއީ ރަގަނޅު ކުއްޖެކެވެ. ނިމާލްގެ ރަސްދޫ ރައްޓެއްސެއްގެ ފަރާތުން އެގުނެވެ.
ކޮންމެ ދުވަހަކުވެސް އަހަރެން ޝައިނާގެ ގެއަށް ދަމެވެ. އަދި ޝައިގެ މަންމަގެ ވާހަކަތައް އަޑު އަހަމެވެ. އަދި އަހަރެން ޝައިނާއާއި ކައިވެނިކޮށްފިނަމަ މަންމަގެ އެންމެބޮޑު އެދުން ފުރިހަމަވީ ކަމަށް ބުންޏެވެ. ވަރަށް ވިސްނުމަށްފަހު އަހަރެން އަހަރެން ޝައިވެސް ކައިރީގައި ބައިންދައިގެން ޝައިގެ މަންމަ ކުރިމަތީގައި އަހަރެންނާއި އިންނާނަންތޯ އެހީމެވެ. ޝައިގެ އާއެކޭ ބުނުމުގެ އަޑަށް ކެތްމަދުވެފައިވާ އަހަރެންގެ ހުވަފެންތައް ހީވީ ޝައިނާގެ އެރީތި އަޑުން އާއެކޭ ބުނުމުން ފުރިހަމަވީ ހެންނެވެ.
ދެތިން ދުވަސްތެރޭގައި “ޝައި އަދި ޝުއާ” ގެ ކައިވެނި ކުރެވުނެވެ. އަަހަރެން ވަރަށް އުފާވިއެވެ. މާލެއިން އަހަރެންގެ އާއިލާ ރަސްދޫއަށް އައެވެ. އަދި އަވަށްޓެރިންނާއެކު ހަފްލާއެއް ބޭއްވުނެވެ. ޝައިއަށް އަހަރެން ހަދިޔާއަކަށް ދިނީ ހުދު ކުލައިގެ ބޮޑު ހެދުމެކެވެ. ޝައިނާގެ އެ ހިނިތުންވުން ދެކެން އަހަރެންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ އެވެ. މިނާފުށްތަކަކުން ޖަރީވެފައިވާ އެ ބަބުޅާ ހެދުން ލައިގެން ނިތްމައްޗަށް އިސްތަށިކޮޅު ވައްޓާލާފައި އަހަރެންގެ ކައިރިއަށް އައިއިރު ހީވަނީ ހަމަ ދެންމެ ބިމަށް ތިރިކޮށްފައިވާ ޕަރީއެއް ހެންނެވެ. އެންމެ ވަރަށް އުފަލުގައި ތިބެ ޕާޓީ ނިމިގެން ހިނގައްޖެވެ.
އަނެއް ދުވަހު އަހަރެންނަށް ހޭލެވުނީ ޝާއިގެ މަންމަ ކެއްސާ އަޑަށެވެ. މާތް ކަލާކޯއެވެ. ކެއްސާ ކެއްސާ މީހާވަނީ ބިއްމައްޗަށް ވެއްޓި މުޅި އަނގައިންނާއި ނޭފަތުން މިއޮށް ލޭ އަންނަނީ އެވެ. އަހަރެން އަވަހަށް ޝައިއަށް ގޮވާ އެމްބިއުލާންސަށް ގުޅައިގެން މަންމަ ގެންދިއުމަށް އަވަސްވެ ގަތީމެވެ. އަދި އަހަރެންނާއި ޝައި މަންމަ ދެފަރާތުން ތިބެ މަންމަ ހޭލައްވާ ބޭއްވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް މަރު އަންނާނީ ބުނެފަ އެއްނޫނެވެ. މަންމައަށް ޝައިގެ އަތްމަތީ އަތް ބާއްވާލެވުމާއެކު މިދުނިޔެއާއި އަލްވަދާއު ކިޔާފި އެވެ. ޝާއި ހަޅޭލަވައިގަތެވެ. އަހަރެންގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. އަަހަރެން ޝައިއަށް ވަރަށް ހިތްވަރު ދިނީމެވެ. އަހަރެންގެ އާއިލާވެސް ޝައިއަށް ހިތްވަރުދިނެވެ. ކަށުކަމާއި ކެމީގެ ކަންކަން ނިންމާލުމަށް ފަހު ލަންޑަނަށް ދާން ޓިކެޓް ނެގީ ޝައިގެވެސް ހުއްދަ ހޯދައިގެންނެވެ. އަހަރެންގެ އާއިލާއަށްވެސް މިކަން ރަގަޅު ވި އެވެ. އެއީ މި މާހައުލާ ދުރަށް ދިއުމަށެވެ.
ލަންޑަނަށް ގޮސް އަހަރެން ޝާއި އަށް ކިޔަވާ ދިނީމެވެ. ޝައި ބޭނުންވީ ނާރސިން ކިޔަވާށެވެ. އެހެންކަމުން ޝައި ކޮލެޖަށް ވަނުމަށްފަހު ނާސިން ކިޔަވާ މާސްޓާސް ހެދިއެވެ. ސާނަވީ ވަކި ހިސާބަކުން ސްކޫލުން ކެނޑުން ކަމުގައިވިޔަސް އަހަރެން ޝާއިއަށް ކިޔަވައި ދިނުމުން ވަރަށް ރަނގަޅަށް ކޯސްނިންމާލި އެވެ. އަދި ސެޓްފިކެޓް ހޯދާ ގްރެޖްއޭޓް ވިއެވެ.
“އަހަރެންގެ މަންމަ މިއަދު ދުނިޔޭގައި ހުރިނަމަ.. ޝުއާއު ފަދަ ރަނގަޅު ފިރިއެއް ލިބުނީތީ އަހަރެން ހަމްދުކުރަން…” ޝައިނާއަށް ގިސްލެވެން ފެށިއެވެ. ޝުއައު ޝައިނާގެ ގައިގައި ހިފަހައްޓާލައިގެން އިނެވެ.
އޭގެ އަހަރެއް ފަހުން ޝައިނާ އަދި ޝުއާއުއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބުނެވެ. އެމީހުން އިންދި ގަހުގައި ލޯބި ލޯބި އަންހެން މޭވާއެއް އެޅިއެވެ. ހަމަ ޝައިނާ ފަދަ ރީތި ކުއްޖެކެވެ.
ކުއްލިއަކަށް އަހަރެންއޮތް އުނދޯލި ހެއްލާލި އެވެ.
“ބައްޕާ… ހީހީހީ” ކުޑަ ކުޑަ މީޝަލް ޝައިނާ އުނދޯލި ހެއްލާލުމުން އަހަރެންނަށް ހެވިފައި ގޮވާލި އެވެ.
“ކީއްވެ މިތާ ތި އޮންނަނީ؟ މިހާރު ކިހާއިރެއް ހޯދަނީ.” ޝައިނާ ސުވާލު ކުރަންފެށިއެވެ.
“ޝައި ހަނދާންވޭތަ” އަހަރެން ޝައިނާ ގައިގައި ބައްދާލީމެވެ.
“އަހަރެމެން ލަންޑަނަށް އައިސް މިގޭގައި ދިރިއުޅެން ފެށިފަހުން މި ކުޑަ ތަންކޮޅުގައި ޝައި ބަގީޗާ ހައްދާފަ އަހަރެން އުނދޯލި އެލުވިފަހުން ކޮންމެ ރެއަކު މިތަނަށް ހިތްހަމަޖައްސަން އަންނަ ހަނދާން؟” “އާނ” ޝައިނާ އުނގުން ވީއްލިގެން މީޝަލް ދުއްވައި ގަތީ މާތަކާ ދިމާލަށެވެ.
ޝައިނާވެސް ދުއްވައި ގަތެވެ. އަަހަރެން ހުރީ ޝައިނާގެ މަންމައަށް އަަހަރެންވީ ވައުދު ފުއްދައިދެވުނީތީ ވަރަށް އުފާވެފަ އެވެ. އެއީ ޝާއިނާއަށް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވުމެވެ. ނާރސްއަކަށްވެ، ހެޔޮލަފާ ފިރިއެއްލިބި ރަނގަޅު އާއިލާއެއް ލިބުމެވެ. ޝައިގެ މަންމަ އަހަރެންގާތުގައި ދުލުން ފުއްދައިދޭން ނުބުނި ކަމުގައިވިއަސް އަހަރެން މިވަނީ މިހާރު އެމަންމަގެ ހުރިހާ ވައުދެއް ފުއްދައި ދީފަ އެވެ.
“މަންމާ އެވެ. ކުރިއަށް އިތުރަށް ޝާއިނާ އުފާވެރި ގޮތުގައި ގެންގުޅެވޭތޯ މަސައްކަތް ކުރާނަމެވެ. މަންމައަށް ސުވަރުގޭގެ ދާއިިމީ ނިއުމަތް ލައްވާދޭވެ. އާމީން”
ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ ޝިބާ އަލީ އެވެ