ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއާޕޯޓުން މާލެ ދަތުރުކުރި ލޯންޗުކޮޅުގެ އިންޖިންގޮވައި ބައެއް މީހުނަށް އަނިޔާ ވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްޖަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައި ގަންނަވަން އެމަނިކުފާނުގެ ލޯންޗުކޮޅު އިއްޒުއްދީން ފާލަމަށް ކައިރި ކުރަނިކޮށް ހިނގާދިޔަ މި ހާދިސާގައި 3 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ. އަދި އަނިޔާވި މީހުންގެ ތެރޭގައި މެޑަމް ފާތުން ހިމެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މި ހާދިސާގައި މެޑަމް ފާތުންއަށް ލިބިފައި ވަނީ ކުދި އަނިޔާތަކެއް ކަމަށާއި މެޑަމް ފާތުންގެ އިތުރުން ރައީސް ޔާމީންގެ ބޮޑީގާޑު އަބްދުއްނާސިރާއި ރައީސް އޮފީހުގެ ޕްރޮޓޮކޯލްގައި ހިމެނިވަޑައިގަންނަވާ ފާތުމަތު ސާލިހަށްވެސް އަނިޔާ ވެފައި ވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަނިޔާވި ތިން ބޭފުޅުންނަށްވެސް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެވެމުން ދާކަމަށާއި ރައީސް ޔާމިންގެ އަނބިކަނބަލުން މިހާރު އޮންނެވީ އޮބްޒަވޭޝަނުގައި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
ބާރުއަޑަކާއެކު ލޯންޗުކޮޅު ތެރޭގައި އެއްޗެއް ގޮވުމާއެކުހެން ލޯންޗުގެ ތެރޭގައި ތިބި ބޭފުޅުންގެ ރުއިމުގެ އަޑާއި ހަޅޭކުގެ އަޑު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ވަނީ އިވިފަކަމަށާއި އެވަގުތު ލޯންޗުގެ ފަހަތު ދޮރު ފަޅައިގެން ދިޔަކަމަށް ނޫސްފަތުރާ ބައެއް މީޑިޔާތަކުން ބުނެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މާލެ އަރާ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.