ހދ އަތޮޅު ބޮޑަށް ފައިދާ ކުރާނީ ވައިކަރަމުރައިދޫ ދަނޑުވެރިކަމަށް ދޫކޮށްފައި ބޭއްވުމުންތޯ ނުވަތަ ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްގެންތޯ ބެލުމަށް ހދ އަތޮޅު ކައުންސިލުގައި މިދިޔަ އަހަރު ނެގި ވޯޓުން ކައުންސިލުގެ އިއްތިފާގުން އެރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވަނިކޮށް އެ ނިންމުމާއި ހިލާފަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ އިން އެރަށް ދަނޑުވެރިކަމަށް ދޫކޮށްލައިފި އެވެ.
އެ މިނިސްޓްރީން ހދ އަތޮޅު ކައުންސިލުން އަންގާފައި ވާގޮތުން ވައިކަރަމުރައިދޫ ދަނޑުވެރިކަމަށް ދޫކޮށްފައިވަނީ ވީ.ކޭ.އެމް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ. އެރަށްދޫކޮށްފައިވަނީ 21 އަހަރަށެވެ.
މިދިޔަ އަހަރު އަތޮޅު ކައުންސިލުން ނެގި ވޯޓަށް ފަހު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ކައުންސިލްގެ މީޑިއާ ކޯޑިނޭޓާރ އަބްދުލް މުހައިމިން ވިދާޅުވެފައިވަނީ އެ ރަށް ތަރައްގީ ކުރުމަށް ގޮވާލާ ސަރުކާރަށް ގަރާރެއް ފޮނުވުމަށް އެ ކައުންސިލުގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
ވައިކަރަމުރައިދޫ އަކީ މީގެން ކުރިން 1994 ވަނަ އަހަރު ސަރުކާރުން ދަނޑުވެރިކަން ކުރުމަށް، މ. އޮމަދޫ އަލްމަރުހޫމް ޢަލީ އަބްދުﷲއަށް 21 އަހަރަށް ދޫކޮށްފައިވާ 58.17 ހެކްޓަރުގެ ރަށެކެވެ. އަދި މި އަހަރުގެ އޭޕްރިލް މަހަށް ވަނީ ދޫކުރެވިފައިވާ މުއްދަތު ހަމަވެފައެވެ.
ވައިކަރަމުރައިދޫ އަކީ ފަތުރުވެރިކަން ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ރައީސް ޔާމީން އިއުލާން ކުރެއްވި ރަށެއް ނަމަވެސް ހދ އަތޮޅުން ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުޅުވާލި އެއްވެސް ރަށެއްގެ އަމަލީ މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށްނުދާކަން ފާހަގަ ކޮށްލެވެ އެވެ.