ހަޔާތުގެ ބޮޑުބައެއް ހޭދަ ކުރުމަށްފަހު ގައިން ވަރު ދެރަވެ ބަލި އެނދުގައި ހަޔާތުގެ ނުނިމި އޮތްބައި ހޭދަކުރަން ޖެހުމީ އުފާވެރިކަމާއި ހިތްހަމަޖެހުމުން މަހުރޫމު ވުމޭ ބުންޏަކަސް ގޯހަކަށް ނުވާނެއެވެ. އެފަދަ އުމުރުން ދުވަސްވީ މީހުނަށް އަޅާލައި އެމީހުންނާއެކީ އުފާވެރި ވަގުތު ކޮޅެއް ހޭދަކުރުމަކީ އެ މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވައިދޭނެ ކަމެއްކަން ހަމަގައިމުންވެސް ޔަގީނެވެ.
ކޮންމެ އަހަރަކުވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އިސްނަގައިގެން ކުޅުދުއްފުށީގައި ތިބި އުމުރުން ދުވަސްވީ ބަލި މީހުންނަށް ހާއްސަކޮށްގެން އެމީހުންނަށް އުފާވެރި ވަގުތެއް ދިނުމަށްޓަކައި ޕިކްނިކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 8 ން 12 ޖެހުމާ ހަމަށް ކުރިޔަށް ދިޔަ މި ހަރަކާތުގައި 100 އެއްހައި އުމުރުން ދުވަސްވީ މީހުން ބައިވެރިވެފައި ވާކަމަށް ޕަބްލިކް ހެލްތުގެ ފަރާތުން މުހައްމަދު އަބްދުއްރަހުމާން ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދިނެވެ.
އޭނާ ބުނެފައި ވަނީ މި ހަރަކާތް ހާއްސަކޮށްފައި ވަނީ ކުޅުދުއްފުށި ހޮސްޕިޓަލްގައާއި ހޮސްޕިޓަލްގެ ފަރާތުން ގޭގައި ފަރުވާ ކުރެވެމުން ދާ އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ. އެގޮތުން 36 މީހުންނަށް ވަނީ ގޭގެގެއަށް ޒިޔާރަތް ކޮށްގެން ފަރުވާދެވިފައި ކަމަށާއި އޭގެ ތެރެއިން 11 މީހުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
މި ހަރަކާތުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި މާހައުލެއް ގާއިމުކުރުމުގެ އިތުރުން ކެއުމުގައި ގެންގުޅެންޖެހޭ އާދަތަކާއި ބޭސްފަރުވާއާއި ކަސްރަތާ ބެހޭ މައުލޫމާތު އެމީހުންނަށް ވަނީ ދީފަ އެވެ.
މިފަދަ ކަމެއް ރޭވިގެން ކުރިޔަށް ދިޔައިރު ސަރުކާރުގެ އެކިއެކި މުއައްސަސާތަކުންނާއި ޖަމިއްޔާތަކުގެ އެހީ ލިބުނުކަމަށް މުހައްމަދު ފާހަގަ ކުރިއެވެ. އެގޮތުން ކުޅުދުއްފުށި ކައުންސިލަށާއި އެމް.އެން.ޑީ.އެފް އަށާއި ފަޔާރ އެންޑް ރެސްކިއު ސާވިސް އަށާއި ޒިގްޒެގު ޖަމިއްޔާ އަދި ޕޮލިހުންނަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.