މޯލްޑިވިއަން އައިޑަލް”ގެ ކުޅުދުއްފުށި އޮޑިޝަން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 އިން 26 އަށް ކަމަށް ކުޅުދުއްފުށި ކައުންސިލުން ހާމަކޮށްފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައި ވާ މި މުބާރާތުގެ ކުޅުދުއްފުށި އޮޑިޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޮކްޓޫބަރުގެ 14:00 ގެ ކުރިން 6521170 ނަންބަރަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް ކައުންސިލް އިދާރާއިން ނެރުނު އިއުލާނެއްގައި ވެއެވެ.
މީގެ އިތުރުން މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެމް އައި ކޭ ނަމާއި އެޑުރެސް އަދި އައިޑީކާޑު ނަންބަރު ޖެއްސުމަށްފަހު 300 އަކަށް މެސެޖު ކުރުމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މޯލްޑިވިއަން އައިޑަލްގެ އޮޑިޝަން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި އާއި ގއ ވިލިގިލި އާއި ޅ ނައިފަރު އަދި މާލޭގައި އެވެ.
މޯލްޑިވިއަން އައިޑަލް އަކީ ރާއްޖޭގެ ތާރީހުގައިވެސް ފްރެންޗައިޒް އުސޫލުން ބާއްވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޝޯ އެވެ.