ކައުންސިލްތަކުން ކުރަންޖެހޭ އަދި ރަށެއްގެ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ކަންތައްތަކުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން ހެދުމާއި، އާމްދަނީ އާއި ހަރަދު ދެފުށް ފެންނަ އުސޫލުން ކުރިއަށް ގެންދިއުމާއި ބަޖެޓް ތައްޔާރު ކުރުން ހިމެނެއެވެ. އަދި މިކަންކަމާބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް ކައުންސިލްތަކުން އަމަލު ކުރަންވީ ގޮތްވެސް ގާނޫނުގައި ވަރަށް ސާފުކޮށް ލިޔެވިފައި ވެއެވެ.
ރައްޔިތުންނަށް މައުލޫމާތު ދިނުމާ ބެހޭގޮތުން ލޯކަލް ކައުންސިލް ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ “ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ.
މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަން ވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭންތަކާއި ބަޖެޓުގެ މަޢުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެއެވެ.”
ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރަންވީ ގޮތް ސާފުކޮށް ގާނޫނުގައި ބަޔާން ކުރެވިފައި ވާއިރު، އެގޮތަށް ކައުންސިލްތަކުން އަމަލު ކުރަމުން ނުދާކަމުގެ ޝަކުވާއަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރާ ޝަކުވާއެކެވެ. ހަމައެފަދައިން ކުޅުދުއްފުށީ ކައުންސިލުން އެ ޒިންމާ އަދާނުކުރުމަކީ ރައްޔިތުން ސުވާލު އުފައްދާ ކަންކަމެވެ. އާ ކައުންސިލް އުފެދުނު ފަހު މިހާތަނަށް ކުޅުދުއްފުށި ކައުންސިލްގެ ފަރާތުން ގާނޫނުގައި ބަޔާންކުރެވިފައި އެވާ ފަދަ ބައްދަލުވުމެއް ބާއްވާފައި ވަނީ 2014 ވަނަ އަހަރުގެ މެދުތެރޭގައި އެކަންޏެވެ. އޭގެ ފަހުން 2015 ވަނަ އަހަރުގެ ފެބްރުއަރީ އަދި ޖުލައި މަހު ވެސް އެފަދަ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެކި ސަބަބުތަކާ ހެދި ބައްދަލުވުން ނުބޭވި ދާތީ ކައުންސިލުންވެސް ކަންބޮޑުވާ ކަމަށާއި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނާ ބައްދަލުކުރެވޭތޯ ކަމަށެވެ.
” އެކި ސަބަބުތަކާ ހެދި ބައްދަލުވުން ނުބޭއްވި މިދަނީ. އަޅުގަނޑުމެން ވެސް ކަންބޮޑުވާ މައްސަލައެއް ތީ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރަން މަސައްކަތްތަކެއް ކުރެވެމުން އެބަ އަންނަ” އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަނަށް ކައުންސިލަށް ކުރެވުނު ކަންތައްތަކާއި ހާސިލްކުރެވިފައިވާ މިންވަރާއި ހާސިލްނުކުރެވި ހުރި މިންވަރު ދައްކައިދޭ ވީޑީއޯ ޕްރެޒެންޓޭޝަނެއް ހަދަމުން އަންނަކަމަށެވެ. އަދި އެމަސައްކަތް ނިމުނު ހާ އަވަހަކަށް ރައްޔިތުންނާ ބައްދަލުކުރުމަށް މަސައްކަތްކުރުންދާ ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އެކައުންސިލުން 2014 ވަނަ އަހަރު ވަކިވި 3 މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގެން ނެތުމުން ކައުންސިލްގެ ކަންތައްތައް ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެކައުންސިލްގައި ހިމެނެނީ އެމްޑީޕީގެ ހަތަރު ކައުންސިލަރަކާއި ޖޭޕީގެ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރަކާއި މިނިވަން ކައުންސިލަރެކެވެ.