ފެނަކަ ކޯޕަރޭޝަނުގެ ކުޅުދުއްފުށީ ބުރާންޗްގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް ސޮއިކުރަން މަޖުބޫރުކުރަމުންދާ ކަމަށް ފެނަކާގެ ކުޅުދުއްފުށީ ބުރާންޗްގެ ބައެއް މުވައްޒަފުން ބުނެފި އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްމުން ފެނަކަ ކޯޕަރޭޝަނުންގެ ކުޅުދުއްފުށީ ބުރާންޗުގެ ބައެއް މުވައްޒަފުން ބުނީ ޕީޕީއެމް ސޮއިކުރަން އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ.
އަދި ފެނަކާގެ ކުޅުދުއްފުށީ ބުރާންޗުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކު ޕީޕީއެމްއަށް 10 މެމްބަރުން ހޯދުމަށް ފޯމް ވެސް ހަވާލުކޮށްފައިވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް މިނޫހާ ވާހަކަ ވާހަކަދެއްކި މުވައްޒަފުން ބުންޏެވެ.
މުވައްޒަފުން ބުނީ އެމީހުންނަށް އެކަން އަންގައި ޕީޕީއެމް މެމްބަރ ޝިޕް ފޯމް ހަވާލުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވާފަ ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ތެރޭގައި ބައެއް އެކަމާ ބައެއް މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކުރުމުން އެކަމާ ދެކޮޅު ހަދައި މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ފެނަކާގެ ކުޅުދުއްފުށީ ބުރާންޗްގެ އިސްވެރިން ބުނެފައިވާ ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.
ފެނަކާގެ މުވައްޒަފުންގެ އިތުރުން ކުޅުދުއްފުށީގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅޭ އިސް އޮފިޝަލަކު ވެސް ވަނީ މިނޫހަށް މިކަން ކަށަވަރުކޮށްދީފަ އެވެ.
އެހެންނަމަވެސް ފެނަކައިން މިކަން ދޮގުކުރޭ
އެހެން ނަމަވެސް ފެނަކާ މިކަން ދޮގުކުރެ އެވެ. ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް މެނޭޖަރު އާދަމް މުހައްމަދު “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ އެއްވެސް ޕާޓީއަކަށް ސޮއިކުރުމަށް އެއްވެސް މުވައްޒަފަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި އެފަދަ ކަމެއް އެތަނުން ނުވެސް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މިއޮތީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި ޕީޕީއެމްގެ ކަންތައްތައް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް އެކަންތައް ކުރާނީ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ނޫން ކަމަށް އާދަމް ވިދާޅުވި އެވެ.
“ބަޔަކަށް ހީވެގެން ތިއުޅެނީ އަޅުގަނޑުމެން މިހާރު ކުރިއަށްގެންދަން ޕީޕީއެމްއަށް ފޯމް ފުރުމުގެ ހަރަކާތްތެއް. އެހަރަކާތްތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވަނީ ރިކުއެސްޓްކޮށް. މަޖުބޫރެއް ނުކުރަން.” އާދަމް ވިދާޅުވި އެވެ.