ސަރުކާރުން ހދ އަތޮޅުގެ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ވައިކަރަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ބަދަލުގައި ދަނޑުވެރިކަމަށް ދޫކޮށްލުމުން އެމައްސަލައިގައި ވަކި ގޮތެއް ނިންމުމަށް ކައުންސިލުން އަންނަ ހަފްތާގައި މަސައްކަތް ފަށާނެކަމަށް ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަބްދުލް މުހައިމިން ވިދާޅުވެއްޖެ އެވެ.
އަބްދުލް މުހައިމިން ވިދާޅުވީ ވައިކަރަމުރައިދޫ ތަރައްގީ ކުރުމުގެ ގޮތުން 2014 ވަނަ އަހަރު ސަރުކާރާ އެކި ގޮތްތަކުން ވާހަކަ ދައްކާފައި ވާނެކަމަށާއި ހދ އަތޮޅުގެ ހުރިހާ ކައުންސިލާ ގުޅިގެން ރައްޔިތުން ބޭނުންވެލައްވާ ގޮތް ކަމަށް ބެލެވިގެން ވައިކަރަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެދި ސަރުކާރަަށް އެކި ފަހަރު މަތިން އެދިފައި ވާނޭކަމަށެވެ.
އެތަކެއް އެދުމުގެ މަތިން އަހަރެއްގެ ތެރޭގައި ކައުންސިލަށް ޕޮޒިޓިވް ޖަވާބެއް ލިބިގެން ދިޔަކަމަށާއި ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ ކުޅުދުއްފުއްޓަށް ވަޑައިގެން އެކަންތައް އެގޮތަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ވީނަމަވެސް ސަރުކާރުން އެކަމާ އަޅާނުލުން އެކިފަހަރުމަތިން ސަރުކާރާ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށެވެ. އަދި އެބޭފުޅުން އެންމެ ފަހު ވަގުތުވެސް ވަކި ގޮތެއް ނުނިންމަވާކަމަށް ވިދާޅުވަމުން ގެންދިޔަކަމަށެވެ.
“އަޅުގަނޑުމެން ރައްޔިތުން ދެކޭ ގޮތުގެ މެސެޖެއް ވާނީ ރައްޔިތުންގެ މަޖިލީހަށާއި ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށާއި ޓުއަރިޒަމް މިނިސްޓްރީއަށާއި ސަރުކާރުގެ ކަމާހުރި ހުރިހާ އިދާރާތަކަށް ފޮނުވާފައި ނަމަވެސް އެއްވެސްތާކުން އަޅުގަނޑުމެންނަށް އެކަށީގެންވާ ޖަވާބެއް ނުލިބޭ” މުހައިމިން ވިދާޅުވި އެވެ.
އެކަށީގެންވާ ޖަވާބެއް ނުލިބުމުން ސަރުކާރުން އެކަމާމެދު އަޅާނުލާ މިންވަރު އެނގިގެން ދިޔަކަމަށާއި އެހިސާބުން ކައުންސިލުން އުންމީދު ކެނޑިފައިވަނިކޮށް ސަރުކާރުން ވައިކަރަމުރައިދޫ އަނެއްކާވެސް 21 އަހަރު ދުވަހައް އެލިއާ އިންވެސްޓްމަންޓައް ދަނޑުވެރިކަން ކުރުމަށް ދޫކޮށްލި ކަމަށް ހާމަކުރިކަމަށް މުހައިމިން ވިދާޅުވިއެވެ.
ވައިކަރަމުރައިދޫ އަކީ މީގެން ކުރިން 1994 ވަނަ އަހަރުން 2015 އަހަރަށް ސަރުކާރުން ދަނޑުވެރިކަން ކުރުމަށް، މ. އޮމަދޫ އަލްމަރުހޫމް ޢަލީ އަބްދުﷲއަށް ދޫކުރި 58.17 ހެކްޓަރުގެ ރަށެކެވެ.