ގައުމީ ޔުނިވާރސިޓީގައި އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށްޓަކައި ކޮންމެ އަހަރަކު ކުރިއަށްގެންދާ “ފަހި ދުވަސް” މާދަމާ ކުޅުދުއްފުށީ ކެމްޕަހުގައި ފެށޭނެ އެވެ.
ކުޅުދުއްފުށީ އޮންލައިންނަށް މައުލޫމާތު ދެމުން ކުޅުދުއްފުށި ކެމްޕަސްގެ މެނޭޖަރ އިބްރާހިމް މުހައްމަދު ވިދާޅުވީ ކެމްޕަހުގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށްދާނީ މާދަމާ ހަވީރު 4-6 ށް އަދި ރޭގަނޑު 8:30-10 ކަމަށެވެ.
ކެމްޕަހުގައި ކުރިއަށް ގެންދާ ފެއާގައި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި ކޯސްތަކަށް އެޕްލައި ކުރަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން ޑޯ ޓު ޑޯ ހަރަކާތެއް ހޮނިހިރު ދުވަހު ހެނދުނު 8 ން ފެށިގެން ކުރިއަށްދާނެ ކަަމަށްވެސް އިބްރާހިމް ވިދާޅުވި އެވެ.
އަންނަ އަހަރު ކުޅުުދުއްފުށީ ކެމްޕަހުގައި 9 ފެކަލްޓީއަކުން 40 ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު އަލަށް ފަށާ އެކައުންޓިން އަދި ބިޒްނަސްގެ ކޯހެއް ހިމެނެ އެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ގައުމީ ޔުނިވަސިޓީން ވަނީ ހުޅުވާލައިފަ އެވެ