ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރުގެ ފަރާތުން 410 ގަސް އިންދައިފި އެވެ.
މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގަސް އިންދާފައިވަނީ ހިއްކި ސަހަރައްދުގައި އެވެ. މިހަރަކާތުގައި ސްކޫލުތަކުގެ އިތުރު ހަރަކާތްތަކުގެ އުޅޭ ދަރިވަރުންނާ އުމުރުން ދުވަސް މީހުންނާއި ހދ އަތޮޅު ކައުންސިލަރުންނާ ރަށު ކައުންސިލަރުންގެ އިތުރުން ކުޅުޅުދުއްފުށީ މުވައްސަސާތައް ހިމެނެ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ މިއަދުގެ ޒުވާނުން އުމުރުން ދުވަސް މީހުންނަށް އަޅައި ނުލައި ދޫކޮށްލައިފި ނަމަ މާދަމާ އެމީހުންނަށް އަޅައި ލައި އޯގާތެރިކަމެއް ނުހިތާނެ ކަމަށެވެ.
“އަޅުގަނޑުމެން މިއަދު ދެއްކި ނަމޫނާ އަކުން މާދަމާ އަޅުގަނޑުމެން އުމުރުން ދުވަސްވާ ދުވަހު އެކުދިން އަޅުގަނޑުމެންނަށް އަޅާލާނީ އެހުންނޫންނަމަ އަޅުގަނޑުމެންނަކަށް އަބުރުވެރި ދިރިއުޅުމެއް ނޫޅެވޭނެ ” ޝަޤީފް ވިދާޅުވި އެވެ.
ގަސް އިންދުމުގެ މިހަރަކާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އައިމިނަތު މަޖީދާ ވިދާޅުވީ އުމުރުން ދުވަސް މީހުންނަކީ އިހްތިރާމާއި ގަދަރާއި ލޯބި ލިބިގެންވާ ބައެއް ކަމުގައިވާން ޖެހޭ ކަމަށާއި މުޖުތައުމުގެ ތެރޭގައި މަދުން ނަމަވެސް އުމުރުން ދުވަސް ވީ މީހުންނަށް އިހުމާލްވާތަން ފެންނަ ކަމަށެވެ.
” އެހެންނަމަވެސް ބައެއް ފަހަރު އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ އުމުރުން ދުވަސްވީ މީހުންނާ އިހުމާލުވާ މީހުން. މިފަދަ ކަންކަން ވާނަމަ މިއީ ދެރަވަރު ކަަންކަމޭ އެހެންވީމާ ހުރިހާ އެންމެން ހިނގާށޭ އެއްބާރެއް ލައިގެން ގޭގެ ވަށައިގެން އުޅޭ އެންމެންގެ ފަރާތުންވެސް އެފަދަ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދޭން” މަޖީދާ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި 410 ގަސް އިންދާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ދަފްތަރުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދަށެވެ.
[yass cats=180]