ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ ތެރެއިން ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ފަރާތްތަކުގެ އެހީތެރިން ހިލޭ ބޭތިބުމަށްވީ ވައުދުގެ ދަށުން އެދާއިރާގެ އަތޮޅު ކައުންސިލަރު ހުސެއިން ހަސަން އޭނާގެ ފަރުދީ ވައުދު މިއަދު ފުއްދަވައިފި އެވެ.
“ނޮޅިވަރަމް ދާއިރާގެ ވައުދު” ގެ ދަށުން މިއަދު ކުޅުދުއްފުށީ، ފަސްތަރީގޭގެ ހުޅުވި މި ތިން ކޮޓަރީގެ އެޕާޓްމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސެއިން ހަސަން ވިދާޅުވީ މިތަނުގެ ހިދުމަތް ދިނުމަށް މިދިޔަ ވެސް މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް ކަންދިމާކުރިގޮތުން މިދިޔަ އަހަރު މިކަން ނުވެ ދިޔައީ ކަމަށެވެ.
“ނޮޅިވަރަމް ދާއިރާގެ ވައުދު” ހުޅުވުމުގެ ގޮތުން ރިބަން ކަނޑައިދެއްވަނީ–ފޮޓޯ: ވާހިދު
“މިއަދު އިރާދަ ކުރެއްވީތީ މި މަސައްކަތް ފުރިހަމަ ވެގެން މިދިޔައީ. އަޅުގަނޑު އުންމީދު ކުރަން ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެމްބަރުން ކައިރީގައި ވަރަށް އިހްލާސްތެރިކަމާއެކު އެދެން ނޮޅިވަރަމް ރައްޔިތުންނަށް މި ހިދުމަތް އަޅުގަނޑު ދޭކަން ތިޔަ ބޭފުޅުން މެދުވެރިވެގެންނާއި އަދި އެހެނިހެން ވަސީލަތްތައް މެދުވެރިވެގެން މިހުރިހާ މައުލޫމާތު ތަކެއް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް” ހުސެއިން ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރިނބީ ކައުންސިލްގެ ރައީސް މުޖުތަބާ ވިދާޅުވީ މިތަނުގެ ސަބަބުން ނޮޅިވަރަމް ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. މިކަމަށްޓަކާ ދާއިރާގެ ރައްޔިތުންގެ ނަމުގައި އާއި ކުރިނބީ ރައްޔިތުންގެ ހުސެއިނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް ޝަގީފް ވިދާޅުވީ ހުސެއިން ހަސަންގެ ވައުދާ އެއްގޮތަށް ވައުދު ފުއްދިގެން ދާތީ ނޮޅިވަރަމް ދާއިރާގެ ހުރިހާ ރައްޔިތުން މި ގެ އެންމެ އެދެވޭ ގޮތެއްގައި ބޭނުން ހިފުމަށް އެދޭ ކަމަށެވެ.
އަދި މިފަދަ ބޮޑު ހޭދައެއް ކޮށްގެން މިފަދަ ކަމެއް ކުރާއިރު އެންމެ އެދެވޭގޮތެއްގައި ބޭނުން ހިފަން އެބަޖެހޭ ކަމަށާއި ބައެއް ފަހަރު މިފަދަ ކަމެއް ހުޅުވާލެވިގެން ދާއިރު ބައެއް ފަރާތަކުން އެންމެ އެދެވޭ ގޮތެއްގައި ބޭނުން ނުހިފާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިރަސްމިއްޔާތު އިމާރާތް ހުޅުވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފާއި ނޮޅިވަރަމް ކައުންސިލްގެ ރައީސާ މަރިޔަމް ހަބީބާ އާއި ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ އެވެ.