2016 ވަނަ އަހަރު އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ސަރުކާރުގެ ސްކޫލުތަކަށް ބަދަލުކުރުމަށް ނިންމާފައިވާތީ، ކުޅުދުއްފުށީ ކައުންސިލުން ބޭބީ ނާސަރީ އާއި ނާސަރީ އަށް ހާއްސަކޮށް ޕުލޭ ސްކޫލެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ހަރަދުކޮށްގެން ކުޅުދުއްފުށީގައި ހިންގަމުންދާ 2 ޕްރީ ސްކޫލަކީ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލް( އައިޕީއެސް) އެވެ. އެތަނުން އަންނަ އަހަރު ހިންގުމަށް ހަމަޖައްސާފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލް އިމާރާތުގައި އެހެން ނަމެއްގަ އެވެ.
ޤާނޫނުގައި ވާގޮތުން ޕްރީ ސްކޫލު ގުރޭޑްތަކަކީ ޔޫކޭޖީ އާއި އެލްކޭޖީ އެވެ. އެ ޤަނޫނަކު ބޭބީ ނާސަރީއެއް އަދި ނަސާރީއެއް ނުހިމެނެ އެވެ.
ތައުލީމީ ކަންތައްތަކާ ހަވާލުވެހުންނެވި ކައުންސިލް މެމްބަރު އައިމިނަތު ޝައުފާ “ކުޅުދުއްފުށި އޮންލައިނަން” ވިދާޅުވީ އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން އަންނަ އަހަރު ސަރުކާރު ސްކޫލަތަކަށް ބަދަލުކުރަން ނިންމާފައިވާތީ، ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވަނީ އިރުމަތި އަވަށު ޕްރީ ސްކޫލު އެކަނިކަމަށެވެ.
ބޭބީ ނާސަރީ އާއި ނާސަރީގެ ދަރިވަރުންނަށް ހާއްސަކޮށްގެން އަންނަ އަހަރު އެއް ސްކޫލް ހިންގުމަށް ކައުންސިލުން ހަމަޖައްސާފައިވާއިރު ފީ އަށް ބަދަލު ގެނެސްފައިވާ ކަމަށް ޝައުފާ ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު ފީ އެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުއްޖަކަށް 350 ރުފިޔާ އެވެ. އޭނާ ވިދާޅުވީ ގަޑިތަކަށް ވެސް ބަދަލުވެގެންދާނެ ކަމަށެވެ.
އަންނަ އަހަރު އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ސަރުކާރަށް ނެގުމުން ބޭބީ ނާސަރީ އާއި ނާސަރީ ގުރޭޑް ކޮންމެހެން ކައުންސިލުން ހިންގާކަށް ލާޒިމް ނުވާ ކަމަށާއި އެދެ ގުރޭޑް ހިންގަނޭނީ އެތަނުން ލިބޭ އެއްޗަކު ހަރަދަތައް ފޫ ބެދޭގޮތަށް ކަމަށް ޝައުފާ ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ވާން އޮތީ ފީ ބޮޑުކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝައުފާ ވިދާޅުވީ އަންނަ އަހަރުވެސް ކައުންސިލްގެ މާލިއްޔާއިން ކޮންމެ މަހަކު ޕްލޭ ސްކޫލަށް ތިރީސް ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށާއި އަންނަ އަހަރު ބޭބީ ނާސަރީ އާއި ނާސަރީގެ ދަރިވަރުންނާ އެކު ޕްލޭ ސްކޫލު ހުޅުވޭއިރު ގުރުއާން ކިޔަވައިދިނުމަށް ހާއްސަ އަހަމިއްޔަތު ކަމެއް ދޭނެ ކަމަށެވެ. އެގޮތުން ގުރުއާން ކިޔަވައިދިނުމަށް 2 ޓީޗަރުން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭބީ ނާސަރީ އާއި ނާސަރިއަށް ވަންނަ ބޭނުންވާ ހުރިހާ ކުދިންނަށް ޕްލޭ ސްކޫލުން ޖާގަ ލިބިގެންދާނެ ކަމަށެވެ. ސްކޫލަށް ޓީޗަރުން ނަގަން ހަމަޖެހިފައިވަނީ ވެސް އިއުލާން ކޮށްގެންނެވެ.
އޭނާ ވިދާޅުވީ ސަރުކާރު ސްކޫލުތަކަށް އެލްކޭޖީ އާއި ޔޫކޭޖީ ބަދަލުކުރަން އެޑިކޭޝަނުން ނިންމުމުން ، ކައުންސިލުން ކޮންމެ ވެސް އެއް ޕްރީ ސްކޫލެއް އެޑިކޭޝަން ދީގެން ހިންގަން ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އެކަން ގަބޫލުނުކުރެއްވި ކަމަށް ޝައުފާ ވިދާޅުވި އެވެ.