ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގުރާމްގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 30 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ގުރުއަތަށް ނުގޮސް ރޯހައުސް ލިބޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލް ބުނެފި އެވެ.
“ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލް މެމްބަރު އަލީ ހާޝިމް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ރޯހައުސްގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ އުސޫލުގެ ދަށުން 30 ޕޮއިންޓަށް ވުރެ މަތި ލިބުނު ފަރާތްތަކަށް ގުރުއަތަށް ނުގޮސް ރޯހައުސް ލިބިގެންދާނެ ކަމަށެވެ.
” 78 ފަރާތެއް އެބައުޅޭ 30 ޕޮައިންޓަށް ވުރެ މަތިން ޕޮއިންޓް ލިބުނު އެ ފަރާތްތަށް މިހާރުވެސް އެހުރީ ރޯހައުސް ޔަޤީންވެފަ ” އަލީ ހާޝިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ މީހުންނަށް ދޫކުރާ 100 ރޯހައުސްގެ ތެރެއިން ޤުރުއަތަށް ދާނީ 22 ރޯހައުސް އެވެ. ގުރުއަތަށް ދާނީ ކިއްތަށް ޕޮއިންޓް ލިބުނު ފަރާތްތަކެއް ކަމެއް އަދި ހާމަނުކުރާ ކަމަށާއި އެކަމުގެ މަސައްކަތްތައް މިނިސްޓްރީ އާއި ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
އަލީ ހާޝިމް ވިދާޅުވީ ގުރުއަތަށް ނުގޮސް ރޯހައުސް ލިބިފައިވާ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކައުންސިލްގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ރޯހައުސް އޭގެ ހައްޤުވެރިންނަށް ލިބިގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުން ބޭރު ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ 60 ރޯހައުސްގެ މަސައްކަތް މިނިސްޓްރީ އަދި ވަކި ގޮތެއް ކަނޑައަޅައި އަންގާފައި ނުވާކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
ރޯހައުސް އެދުމުގެ ފުރުސަތު ހުޅުވާލުމުން ޝަރުތު ހަމަވާ 406 ފަރާތެއް 100 ރޯހައުސަށް ކުޅުދުއްފުށިން ހުށަހަޅާފައިވެ އެވެ.