ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުރި ގާބިލުކަމާއި ހުނަރު ހުރި މިންވަރު ދެނެގަތުމަށް އިމްތިހާނެއް ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
އެގޮތުން މިއަދު ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަނާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ގޮތަށް ކަންތަށް ކުރުމަށް ނިންމާފައި ވަނީ ސިވިލް ސާވިސްގެ ވަޒީފާގައި އުޅޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ ހުނަރު ނެތުމުން ބައެއް ފަރާތްތަކުން މައްސަލަ ޖެއްސުމުގެ ސަބަބުން ކަމަށާއި މިފަދަ އިމްތިހާނެއް ތައްޔާރު ކުރުމަށް 2 އަހަރު ދުވަހުގެ މަސައްކަތެއް ކުރެވިފައިވާނޭ ކަމަށް ކޮމިޝަންގެ ޗެއާމަން ޑރ. އަލީ ޝަމީމް ވިދާޅުވި އެވެ.
މި އިމްތިހާން ދެން ހަމަޖެހިފައި ވަނީ މައިގަނޑު 4 ބަޔަކުންނެވެ. އެއީ ދިވެހި ބަހުގެ މައިގަނޑު އެނގެން ޖެހޭ ކަންތަކާއި މުއާސަލާތު ކުރުމުގެ ހުނަރާއި އިދާރާ ހިންގުން އަދި އެޕްޓިޓިއުޑްގެ މައްޗަށެވެ. އަދި މި އިމްތިހާން ދިނުމަށް ވަކި ހާއްސަ ތަމްރީނެއް ބޭނުމެއް ނުވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
މި އިމްތިހަނު ހެދުމަށް 150 ރުފިޔާގެ ފީ އެއް ދައްކަން ޖެހޭ އިރު އިމްތިހާނުން ހެދުމަށްފަހު ވަޒީފާ ލިބޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދައި ގެންނެވެ.
މި އިމްތިހާނުގެ ނަތީޖާ ބެލުމަށް ހަމަޖެހިފައި ވާނީ ސިވިލް ސާވިސްގެ އިންސްޓިޓިއުޓުން އެކުލަވާލެވޭ ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާ ހުރި ފަރާތްތަކެކެވެ.
މީގެ އިތުރުން ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މުގައްރިރެއް އެކުލަވައިލެވޭނެއެވެ އަދި އެ މުގައްރިރާ ގުޅުން ހުރި ފޮތްތައް ތައްޔާރު ކުރާނެއެވެ.