3 އިންޖީނާއެކު ކުޅުދުއްފުށި ބަހާދަރު ބޯޓުގެ ދުވެލި އަވަސްވެ ކުޅުދުއްފުށިން މާލެއަށް ކުރާ ދަތުރުތައް 10 ގަޑިއިރަށް އަވަސްވެގެންދާނެ އެވެ.
ބަހާދަރު ބޯޓްގެ ވެރިޔާ އަދި މިތުރު ކޮމްޕެނީގެ އޯނަރު މުހައްމަދު ޒުހައިރު “ކުޅުދުއްފުށި އޮންލައިނަށް” ވިދާުޅުވި ގޮތުގައި 3 އިންޖީނު އެޅުމާ އެކު ގަޑިއަކު 15 މޭލު ބާރުމިނުގައި ބޯޓުދުވާނެކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓާއި މާލެއާ ދޭތެރޭ 10 ގަޑިއިރު ތެރޭގައި ދަތުރު ކުރެވޭނެކަަމަށް ޒުހައިރު ވިދާޅުވި އެވެ.
ބަހާދަރު ބޯޓް ކުޅުދުއްފުށީ ފަޅުގައި އަޅާފަ–ކުޅުދުއްފުށި އޮންލައިން ފޮޓޯ
މުހައްމަދު ޒުހެއިރު ވިދާޅުވީ ނޮވެމްބަރު މަހު ކުރީ ކޮޅު ބޯޓް ކުޅުދުއްފުއްޓަށް ގެނެސް ދަތުރުތައް ފެށޭނެ ކަމަށާއި އަލުން ބޯޓްގެ ދަތުރުތައް ފަށާއިރު ދަތުރުކުރާ ގަޑިއަށާއި ޓިކެޓްގެ އަގަށް ބަދަލުގެނެވިފައިވާ ކަމަށެވެ.
އެގޮތުން ދެން ބޯޓް ފުރާނީ ހަވީރުގެ ބަދަލުގައި ރޭގަނޑު 8 ޖަހާއިރު ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
އަދި މި ބަދަލާއެކު އަވަސް ސްޕީޑެއްގައި ދަތުރުތައް ކުރެވެން ފެށުމުން ޓިކެޓްގެ އަގު ވަނީ 320 ރުފިޔާއިން 425 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
ބޮޑެތި މަރާމާތްތަކަށް ފަހު ބޯޓްގެ ދަތުރުތައް ފަށާއިރު ބޯޓްގެ ފަސެންޖަރުން ހާއްސަ ހުރިހާ ކެބިންތަކެއްގައި އެއަރ ކޮންޑިޝަން ހަރުކުރެވިފައިވާނޭ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ ޓްރާންސްޕޯރޓް އޮތޯރިޓީއިން ހުއްދަ ދީފައިވާ ވަރަކަށް ކުރިން ބޯޓުގައި މީހުން ނުއުފުލައި ކަމަށާއި ނަމަވެސް ބޯޓްގެ މަރާމާތްތައް ފަހު ދަތުރުތައް ފަށާއިރު އެ އޮތޯރިޓީއިން ކަނޑައެޅިގެން ހުއްދަ ދީފައިވާ މިންވަރަށް މީހުންނަށް ތިބެވޭނެ ޖާގަ ހަމަޖައްސާނެ ކަމަށެވެ.
މިތުރު ކޮމްޕެނީގެ ބޯޓް ފަހަރުތަކަކީ ކުޅުދުއްފުށިން މާލެއަށް ކުރާ ދަތުރުތަކަށް އިންޖިލާބެއް ގެނައި ބޯޓްތަކެކެވެ. މީގެ އަހަރު ތަކެއް ކުރިން 2 ދުވަހުން މާލެއަށް ކުރި ދަތުރުތައް 1 ދުވަހަށް ބަދަލުކުރީ ވެސް މިތުރު ކޮމްޕެނީގެ ބޯޓްތަކެކެވެ.