އާސަންދައިން އިންތިޒާމްކޮށްގެން ސްޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ ޕްރޮގުރާމްގެ ދަށުން މިއަދު ފެށިގެން މިމަހު 3 ވަނަ ދުވަހަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކުރިއަށްގެންދާ ޕްރޮގުރާމްގައި 3 ޑޮކްޓަރުންނަށް ދެއްކުމަށް 365 ފަރާތްތަކުން ނަން ނޯޓް ކޮށްފި އެވެ.
މިއަދު ފެށި ޕްރޮގުރާމްގައި އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ ކުޑަކަމުދާ ނިޒާމްގެ ހާއްސަ ޑޮކްޓަރަކާއި ހިތުގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކަށީގެ ހާއްސަ ޑޮކްޓަރެކެވެ.
ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ހިތުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް 103 މީހަކު ނަން ނޯޓްކޮށްފަވެ އެވެ. އަދި ކުޑަ ކަމުދާ ބަލީގެ ހާއްސަ ޑޮކްޓަރަށް 92 މީހަކު ނަން ނޯޓްކޮށްފައިވާއިރު ކަށީގެ ޑޮކްޓަރަށް ދެއްކުމަށް 170 މީހަކު ނަން ނޯޓްކޮށްފަވެ އެވެ.
ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ކަށީގެ ޑޮކްޓަރު ފިޔަވައި އަނެއް ދެ ޑޮކްޓަރުންނަށް ދެއްކުމަށް ނަން ނޯޓްކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކަށީގެ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބޭނީ ނަން ނޯޓްކޮށްފައިވާ ތިބި ފަރާތްތަކުގެ ތެރެއިން 60 ފަރާތްތަކަށް ކަމަށެވެ. އެއީ އެ ޑޮކްޓަރު ބަލި މީހުން ބަލަން ހަމަޖެހިފައިވަނީ އެންމެ ދުވަހަށް ވުމުންނާއި ހޮސްޕިޓަލްގެ އިންސްޕެކްޝަނަކަށް ވަގުތު ހުސްކުރަން ޖެހޭތީ ކަމަށެވެ.
މިއަކީ ހދ އަތޮޅަށް ހުޅުވަލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.