ރޭ މުލިއާގެ ކައިރިން ފެނުނު އައި އީޑީ ބޮން ގޮއްވާލެވުނު ނަމަ ރޭގައި 60 ފޫޓްގެ ބޮޑު އަލިފާން ބޯޅައެއް އުފެދޭނެކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވާފައި ވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ބޭއްވި މި ރަސްމީ ޖަލްސާގައި އެވެ.
މި ޖަލްސާގައި އުމަރު ވިދާޅުވެފައި ވަނީ އެ ސަރަހައްދުގައި ބާއްވާފައި އޮތީ އެހާ ބާރުގަދަ ޑައިނަމައިޓެއް ކަމަށެވެ. އަދި އޭގެ ސަބަބުން ފުޅާ މިނުގައި 60 ފޫޓް ހުރި އަލިފާން ބޯޅައެއް އެ މަގުގައި އުފެދިއްޖެއްޔާ އެ ސަރަހައްދުގައި ހުރި ގެތަކަށް ވަރަށް ބޮޑަށް އަސަރުކޮށް އެތައް ބައެއްގެ ފުރާނަ ގެއްލުމަކީ އެކަށީގެންވާ ކަމެއްކަމަށް އުމަރު ވިދާޅުވި އެވެ.
ގޮއްވާލަން އުޅުނު ޑައިނަމައިޓަކީ ރާއްޖޭގައި ނަމަ ފަރުތަކާއި ބޭރު ގައުމުތަކުގައި ފަރުބަދަ ގޮއްވަން ބޭނުންކުރާ ޒާތުގެ އެއްޗެއް ކަމަށް އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު އަދި ވިދާޅުވީ އެކަން ކުރުން އުޅުނު ބަޔަކަށް ކާމިޔާބުވެ ރައީސްގެ ކާރުކޮޅު ގޮވުން ފަދަ ކަމެއް ހިނގި ނަމަ ރައީސްގެ ކާރުކޮޅު ބުރައިގެން ދާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މިއީ ވެރިކަން ހޯދުމުގެ މަގުސަދުގައި ދިން ހަމަލާއެއްކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
މުލިއާގޭ ކައިރީގައި އޮތް ވެހިކަލެއްގައި ބާއްވައިގެން ގޮއްވާލަން މަސައްކަތް ކުރީ ބޮމެއް ކަމަށާއި އެ ސަރަހައްދުގައި އެފަދަ ކަމެއް ކުރަން ބަޔަކު ރޭވީ އެއީ ރައީސް ޔާމީން ކޮންމެ ދުވަހަކު ވެސް ދަތުރު ކުރައްވާ މަގަކަށްވާތީ އެކަމަށް ޓާގެޓްކޮށްގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރ އުމަރު ނަސީރު ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ–ފޮޓޯ: ވާހިދު
“މިއީ އެއްވެސް އިންތިހާބަކާ ނުލައި ވެރިކަން ހޯދުމުގެ ބޭނުމުގައި ކުރިން ވެސް ކުރެވުނު މަސައްކަތަށް އިތުރުކޮށްލެވުނު ބޮޅެއް” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަަން ކުރަން އުޅުނު ބަޔަކަށް ކާމިޔާބުވެ ރައީސްގެ ކާރުކޮޅުގައި ގޮވުން ފަދަ ކަމެއް ހިނގިނަމަ ރައީސްގެ ކާރު ކޮޅު ބުރައިގެން ދާނޭކަމަށެވެ.
އުމަރު ވިދާޅުވީ ދިވެހި ދައުލަތަށް އަމާޒުކޮށް ދޭން ރާވާ މިފަދަ ހަމަލާތަކަކީ އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން ދެވޭ ހަމަލާއެއް ނޫން ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ހަމަލާތައް އުފެދިގެން މިހާރު ދަނީ ރާއްޖޭގައި ވެރިކަމަށް ދަހިވެތިވެފައި ތިބި ހާއިނުންތަކެއްގެ ފަރާތުން ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސްގެ ލޯންޗްކޮޅަށް ދިން ހަމަލާއަކީ ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް އަވަހާރަ ކޮށްލަން ދިން ނާކާމިޔާބު ހަމަލާއެއް ކަމަށް އުމަރު ވިދާޅުވި އެވެ.
މިފަދަ ނުރައްކާތެރި ހަމަލާތައް ރާއްޖޭގައި ދޭން ބަޔަކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދިވެހި ފުލުހުންނާއި ސިފައިން ތިބީ ދިވެހި ރައްޔިތުންގެ ސަލާމަތީ ރައްކާތެރިކަމުގެ ޔަގީންކަން މި ޖަލްސާގައި އެމަނިކުފާނު ދެއްވިއެވެ.