twitterviber whatsapp telegramfacebookyoutube instagram
19th May 2024

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

Nov 4, 2015

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ.

ރާއްޖެގެ ދެ ސަރަހައްދަކުން ހަތިޔާރު ފެނިފައިވުމަކީ ރައްޔިތުންގެ އަމަން އަމާންކަމަށް އޮތް ނުރައްކަލަކަށް ވާތީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް އެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނެރެފައިވާ ގަރާރެއް އިއްވަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ ރާއްޖޭގެ މިވަގުތު ހާލަތަށް ރިއާޔަތްކޮށް ކުއްލި ހާލަތު އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ނޮވެމްބަރު 4 ގެ މެންދުރު 12 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު ކާފިއުގެ ގޮތުން ވަކި ވަގުތުތަކެއްގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެއް ނުވެއެވެ.

ނަމަވެސް ގާނޫނު އަސާސީއިން ލިބިދީފައިވާ ބައެއް ހައްގުތަކާއި މިނިވަންކަން ކުއްލި ހާލަތުގެ ދަނޑިވަޅުގައި ހިފެހެއްޓިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވިދާޅުވެފައެވެ

ކުއްލި ހާލަތާއި ގުޅިގެން ހަނިކުރި ހައްގުތައް:

1. ޤާނޫނު އަސާސީގެ 19 ވަނަ މާއްދާ: މަނާ ކުރެވިފައި ނުވާ ކަންކަމުގެ މިނިވަންކަން

2. ޤާނޫނު އަސާސީގެ 24 ވަނަ މާއްދާ: ޒާތީ ދިރިއުޅުން

3. ޤާނޫނު އަސާސީގެ 31 ވަނަ މާއްދާ: ހަޅުތާޅު ކުރުމުގެ ހައްގު

4. ޤާނޫނު އަސާސީގެ 32 ވަނަ މާއްދާ: އެއްވެ އުޅުމުގެ މިނިވަންކަން

5. ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ ހ. : ދަތުރު ފަތުރު ކުރުމުގެ މިނިވަންކަން

6. ޤާނޫނު އަސާސީގެ 45 ވަނަ މާއްދާ : ގާނޫނާއި ހިލާފަށް ބަންދުކުރުމާއި ހައްޔަރުކުރުން: މިމާއްދާގެ ތެރެއިން ބަންދުކުރުމާއި ބަންދުކުރުން ފިޔަވާ ދެން

ހުރި ކަންކަން

7. ޤާނޫނު އަސާސީގެ 47 ވަނަ މާއްދާ :ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން

ކުއްލި ނުރައްކަލުގެ ޙާލަތުގައި ކާފިޔު ހިންގުން ނުވަތަ ވަކި ވަގުތުތަކެއްގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެއްނުވެއެވެ. އަދި މިހާލަތުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގައި ޤާނޫނުއަސާސީއިން ލިބިދީފައިވާ ހައްޤުތައް ހިފަހައްޓައި ނުވަތަ ހަނިކޮށްފައިނުވާނެކަމަށާއި، އެފަދަ ފަރާތްތައް ހިފައި ހައްޔަރުކުރާނީ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައިވާ ގޮތުގެ މަތިންކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރެއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރުގެ އަދި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސް ވާޖިބެއް ކަމުގައި އަދި އެންމެ އިސް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އެޅެވޭނެ ކަން ކަށަވަރުކޮށް ދިނުންކަމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި އުޅޭ މީހުންނާއި، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިރާއްޖޭގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައިވާ ގޮތުގެ މަތިން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމުގައިވެސް ސަރުކާރުން ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355