twitterviber whatsapp telegramfacebookyoutube instagram
19th May 2024

އާ މަންހަޖަށް ޓީޗަރުން އަހުލުވެރި ކުރުމުގެ ޕްރޮގުރާމް ހދ އަތޮޅުގައި ފަށައިފި

Nov 10, 2015

އަންނަ އަހަރު މުޅި ރާއްޖޭގައި ފަށާ އާ މަންހަޖަށް ޓީޗަރުން އަހުލުވެރި ކުރުމުގެ ގޮތުން ތަމްރީން ޕްރޮގުރާމެއް ހދ އަތޮޅުގައި ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ގުރޭޑް 4 ، 5 އަދި 6 ގައި (ކީ ސްޓޭޖް 2) ކިޔަވައިދެމުންދާ ޓީޗަރުން ހާއްސަކޮށްގެން ކުރިޔަށް ގެންދާ ތަމްރީން ޕްރޮގުރާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ފަށާފައި އެވެ.

މި ތަމްރީން ޕްރޮގުރާމްގައި ޓީޗަރުންނަށް އަލަށް ފަށާ މަންހަޖުގެ މާއްދާތަކުގައި ހިމެނޭ ސިލަބަސްތަކަށް މުޅި މަންހަޖުގައި މައިގަނޑު ގޮތެއްގައި އެކުލެވިގެންވާ ބައިތަކާއި ކިޔަވައި ދިނުމަށް ގެންނަން ޖެހޭ ބަދަލު ތަކުގެ މައުލޫމާތު ދެވިގެންދާނެ ކަމަށް ހދ އަތޮޅުގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދިނެވެ.

އަބްދުއްރަޝީދު ވިދާޅުވީ މި ތަމްރީން ޕްރޮގުރާމް އިތުރު ތިން ރަށެއްގެ ސްކޫލްގައިވެސް ކުރިޔަށް ދާނެ ކަމަށެވެ. އެއީ ނޮޅިވަރަމް ސްކޫލާއި ނޮޅިވަރަމްފަރު ސްކޫލް އަދި ވައިކަރަދޫ ސްކޫލްގައި އެވެ.

ހދ އަތޮޅުގެ 4 ސްކޫލްގައި މި ޕްރޮގުރާމް ނިމިގެންދާއިރު ޖުމްލަ 213 ޓީޗަރަކު ތަމްރީން ވެގެންދާނެކަމަށް އަބްދުއްރަޝީދު ފާހަގަ ކުރެއްވިއެވެ.

9 ޓްރެއިނަރަކާ އެކު ކުރިޔަށް ދާ މި ތަމްރީން ޕްރޮގުރާމަކީ 35 ގަޑިއިރަށް ބަހާލައިގެން ކަމަށާއި މި ވޯރކްޝޮޕްގައި ސެޝަން ޕްލޭން ކުރާނެ ގޮތާއި މައްދާތަކުގައި ޕްރެކްޓިކަލް އެކްޓިވިޓީސް ހިމެނިދާނެ ގޮތުގެ މައުލޫމާތުވެސް ދެވިފައިވާނޭ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.

އަބްދުއްރަޝީދު ވިދާޅުވާގޮތުގައި ރާއްޖޭގެ މަންހަޖު ބަދަލުވެގެން ދާއިރު މިއީ ޓީޗަރުން ކުރަން މަޖުބޫރު ކަމެއް ކަމަށާއި ކުރީގައި ނުފެންނަށް ގޮތަކަށް މަންްހަޖު ބަދަލުވެގެން ދާއިރު ޓީޗަރުން ކިޔަވައިދިނުމުގައި ބަދަލުވެގެން އަންނާނެ ވައްޓަފާޅިއަށް ތަމްރީން ކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރު ހދ އަތޮޅުގައި ކީ ސްޓޭޖް 2 ގެ ހުރިހާ ޓީޗަރުންނަކީ އާ މަންހަޖަށް ކިޔަވައި ދިނުމުގެ ތަމްރީން ލިބިފައިވާ ޓީޗަރުންކަމުގެ ޔަގީންކަން އަބްދުއްރަޝީދު ވަނީ ދެއްވާފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355