ށ. ފުނަދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ހަރަދުވާނެ ފައިސާ 2016 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.
2016 ވަނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި އަންނަ އަހަރު ށ. ފުނަދޫގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް 150 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ށ.ފުނަދޫގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ހައުންސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ފުނަދޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ ފުނަދޫގެ ތަރައްގީ އަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށެވެ. އަދި ފުނަދޫގައި އެއާޕޯޓް އެޅުމަށާއި ބިން ބޮޑު ކުރުމުގެ މަސައްކަތް ކުރަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ފުނަދޫގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިމުގެ އިތުރުން ބިން ހިއްކައިގެން ބޮޑުކުރުމަށް ވެސް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި 2016 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ބިން ހިއްކައިގެން ބޮޑުކުރުމަށް 85 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މީގެ އިތުރުން މިއަހަރު ކުރިއަށްދާ މަޝްރޫއުތަކާ އެކު ޖުމްލަ 8 މަޝްރޫއުއެއް ފުނަދޫގައި ސަރުކާރުން ހިންގުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.
ށ. ފުނަދޫގައި މިހާރުވެސް ސަރުކާރުން ދަނީ މަގުތައް ހެދުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަމުންނެވެ. ފުނަދޫގެ މަގުތައް ހެދުމަށް 46 މިލިއަން ރުފިޔާއަށް މިދިޔަ ސެޕްޓެމްބަރު މަހު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އެވެ.