މިދިޔަ އަހަރު ސާނަވީ އިމްތިހާނުން އެކައުންޓް މުޅި ދުނިޔެއިން 1 ވަނަ ހާސިލްކޮށްގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ހޯދި ދަރިވަރުންގެ ތެރެއިން ހިމެނެނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރު ށ. ފޯކައިދޫ، ނިޔާމަ އައިޝަތު ލީނާޒް އެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ލީނާޒް ބުނީ އޭލެވެލް ގެ ކިޔެވުން ފަށަމުން ހާސިލް ކުރުމަށް ކަނޑައެޅި ލަނޑުދަނޑި ހާސިލްވެގެން ގޮސްފިކަމަށާއި މެޑަލް ލިބުނު ވަގުތު ވަރަށް އުފާވި ކަމަށެވެ.
ލިނާޒް ބުނީ އެންމެ ކިޔަވާހިތްވާ މާއްދާއަކީ އިކޮނޮމިކްސް ކަމުގައިވިއަސް އެކައުންޓިން މި ނަތީޖާ ހޯދުމަށް އަބަދުވެސް ބޭނުންވި ކަމަށާއި އަދި އެއީ އަބަދުވެސް އެންމެ ފަސޭހަ މާއްދާ ކަމަށެވެ. އެހެންނަމަވެސް ކުރިއަށްދާ ބޭނުންވަނީ އިކޮނޮމިކްސްގެ ދާއިރާއިން ކަމަށްވެސް ލީނާޒް ބުންޏެވެ.
ލީނާޒްގެ ކިޔެވުމުގެ ހަޔާތް ފެށިފައިވަނީ އުފަންރަށް ށ. ފޯކައިދޫ އިންނެވެ. ރަށުން ގްރޭޑް 10 ނިންމާލުމަށްފަހު އޭ ލެވެލް ކިޔެވުން ލީނާޒް ށ ކޮމަންޑޫ ސްކޫލުން ފެށިނަމަވެސް 3 މަސްފަހުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށް ބަދަލުވެ އޭލެވެލް ފުރިހަމަކުރީ ޖަލާލުއްދީން ސްކޫލުން ނެވެ.
ހިތްވަރާއެކު ރަގަނޅު ނަތީޖާއެއް ހޯދުމަށް ބޭނުންވާނަމަ ހަމައެކަނި ޓީޗަރުން ނަގައިދޭ ފިލާވަޅު ދަސްކުރުމުގެ ބަދަލުގައި އަމިއްލައަށް ވެސް އިތުރަށް މައުލޫމާތު ހޯދާ ދަސްކުރަންޖެހޭނެ ކަމަށާއި އެގޮތުން ކިޔެވުމަށް އިންޓަރނެޓް ބޭނުން ރަގަނޅު ގޮތުގައި ހިފާ ގިނައިން ފާސްޓް ޕޭޕަރު ސުވާލުތަައް ހަދައި ގަވައިދުން ފިލާވަޅުތައް މުތާލިއާ ކުރިން މުހިއްމު ކަމަށް ލީނާޒް ބުންޏެވެ.
އަދި ބައެއް ދަރިވަރުން އޭލެވެލްގައި ކިޔެވުމަށްފަހު އެއްވެސް މާއްދާއަކުން ފާސްނުވެ ކިޔެވުން ނިންމާލަށް ޖެހޭތަން އެބަ އާދޭ ކަމަށާއި އޭލެވެލްގައި ކިޔަވާ 2 އަހަރަކީ ވަރަށް މުހިއްމު 2 އަހަރުކަމަށް ވާއިރު އެއްވެސް ކުއްޖަކު އެގޮތަށް އޭލެވެލްގެ ދުވަސްތައް ބޭކާރުނުކޮށް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލްވެވޭނެ ކަމަށް ލީނާޒް ބުންޏެވެ.
ޝުކުރު އަދާކޮށްލަން ބޭނުންވަނީ ކޮންބަޔަކަށްތޯ އަހާލުމުން ލިނާޒް ބުނީ އެންމެ ފުރަތަމަވެސް ޝުކުރު އާދާކޮށްލަން ބޭނުންވަނީ ހެއްދެވި ފަރާތައް ކަމަށާއި އެއަށްފަހު މަންމަ އާއި ބައްޕައަށް ކަމަށެވެ. އަދި ޖަލާލުއްދީން ސްކޫލްގެ މެނޭޖްމަންޓާއި ޓީޗަރުންނަށާއި ކޮމަންޑޫ ސްކޫލަށް ވެސް ޝުކުރު އަދާކޮށްލަން ބޭނުންވާކަމަށް ލީނާޒް ބުންޏެވެ. އަދި އޭގެ އިތުރުން ޖުމްލަކޮށް އެހީތެރިވި އެންމެނަށް ލީޒާން ޝުކުރު އަދާކުރި އެވެ.