އައްޑޫ ސިޓީ ހިތަދޫގައި މަގުބޫލު ސެލޫނެއް ކަމަށްވާ ތާނިޔާ ސެލޫން އެންޑް ތާނިޔާ ޓްރެއިނިން ސެންޓަރުގެ ފަރާތުން ކުޅުދުއްފުށީގައި ވޯރކްޝޮޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ކުޅުދުއްފުށީ ޔޫތު ސެންޓަރާ ގުޅިގެން ބޭއްވޭ މި ވޯރކްޝޮޕް ކުޅުދުއްފުށީގައި ޑިސެމްބަރު މަހުގެ 1 އިން 5 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ
އަންހެނުނަށް ހާއްސަކޮށްގެން ބޭއްވޭ މި ވޯރކްޝޮޕްގައި ބައިވެރިންނަށް ބިއުޓީ ތެރަޕީ، ފޭސް ބްލީޗިން، ޕެޑިކިއޯރ، މެނިކިއޯރ، ބްރައިޑަލް މޭކްއަޕް އަދި ހެއަރ ސްޓައިލިން ދަސްކޮށްދެވޭނެ ކަމަށް އެ ސެލޫން އިން ބުނެއެވެ.
މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ 1000 ރުފިޔާއެވެ. އަދި މި ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދިލައްވާ ފޯމް ކުޅުދުއްފުށި ރެވި ފިހާރައިން ލިބެން ހުންނާނެކަމަށް ޔޫތު ސެންޓަރުގެ ފަރާތުން ހުސެން އަލީ ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވިއެވެ.
ތާނިޔާ ސެލޫންގެ ސީއީއޯ ރޮޒީ ޝަރީފް “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މި ސެލޫންގެ ފަރާތުން އެކި ވޯރކްޝޮޕްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންގޮސްފައި ވާނޭ ކަމަށެވެ.
އެގޮތުން 265 ބައިވެރިންނެއް މި ވޯރކްޝޮޕްގެ ދަށުން ތަމްރީން ކުރެވިފައިވާނޭ ކަމަށް ރޮޒީ ފާހަގަ ކުރެއްވިއެވެ.
އާންމުންގެ އިތުރުން ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ވެސް މި ވޯރކްޝޮޕް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ރޮޒީ ވިދާޅުވިއެވެ.
އެގޮތުން ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންނަށް މި ވޯރކްޝޮޕްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު އެބަ އޮތްކަމަށް ރޮޒީ ބުންޏެވެ.
މީގެ އިތުރުން މި ވޯރކްޝޮޕްގައި ތަމްރީން ކުރެވޭ ބައިވެރިންގެ ތެރެއިން އެންމެ މޮޅު 3 ބައިވެރިއެއް ހޮވާލާ އެ ތިންބައިވެރިންނަށް އައްޑޫ ސިޓީ ހިތަދޫގެ ތާނިޔާ ސެލޫންގައި 3 މަސްދުވަހުގެ ޓްރެއިނިންއެއް ފުރިހަމަ ކުރުމުގެ ފުރުސަތެއް ދެވިގެންދާނަކަމަށް ރޮޒީ ވިދާޅުވިއެވެ.
އެގޮތުން 3 މަސް ދުވަހުގެ ޓްރެއިނިން ފުރިހަމަ ކުރާ 3 ބައިވެރިޔާއަށް ރަށުގައި އަމިއްލަ ބިޒްނަސް ފެށުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް ރޮޒީ ވިދާޅުވިއެވެ.
މި ވޯރކްޝޮޕް ކުޅުދުއްފުށީގައި ބޭއްވުމަށް އެއްބާރުލުން ދެއްވި ކުޅުދުއްްފުށީ ޔޫތު ސެންޓަރަށް ރޮޒީ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިއެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ސެލޫން ވޯރކްޝޮޕެއް ބޭއްވޭނެ މިއީ ފުރަތަމަ ފަހަރެވެ.