twitterviber whatsapp telegramfacebookyoutube instagram
18th May 2024

އިޚްލާޞް ގުރުއާން ކުލާހުގެ ދެވަނަ ގުރުއާން މުބާރާތް ބާއްވައިފި

Nov 17, 2015

އިޙްލާޞް ގުރުއާން ކުލަހުގެ ދެވަނަ ގުރުއާން މުބާރާތް ބާއްވައިފި އެވެ.

މި ގުރުއާން މުބާރަތް ކުރިއަށް ގެންގޮސްފައި ވަނީ ޖުމްލަ 5 ދަންފަޅިއަކަށް ބަހައިލައިގެން މި ނޮވެމްބަރު 13 އިން 14 އަށެވެ. ޖުމްލަ 77 ބައިވެރިން ބައިވެރިވި މި މުބާރާތުގައި 4 އަހަރުންދަށް، 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން މަތީގެ އުމުރުފުރާއިން ވަނީ ވާދަކޮށްފަ އެވެ.

މި މުބާރާތް ޝަރަފްވެރިކޮށްދެއްވާ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ ގައުމީ މުބާރާތުން ރަށަށް ރަން ވަނަތައް ހޯދުމަށްޓަކައި ގުރުއާން ކުލާސްތަކުން ފެންވަރުރަނގަޅުކޮށް ގުރުއާން މުބާރާތް ބޭއްވުމަކީ ނުހަނު ބޭނުންތެރި މަސައްކަތެއްކަމަށާއި، އޭގެ ސަބަބުން މުސްތަގުބަލުގައި ރީތިކޮށް ގުރުއާން ކިޔަވާ އެތައް ކުދިންނެއް އުފެދިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.

އިޚްލާޞް ޤުރުއާން ކުލާހުގެ ހެޑްމާސްޓަރ އަލްފާޟިލް މޫސާ މާހިރު ވިދާޅުވީ ޤުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުވެފައިވާ ދަރިންތަކެއް ކުޅުދުއްފުށީގެ ފަސްގަނޑުގައި އުފެއްދުމަށް ކޮންމެ އަހަރަކުވެސް ޤުރުއާން މުބާރާތް ބޭއްވުމަކީ ވަރަށް ބޮޑު ޢަޒުމެއް ކަމަށާއި އަދި ގުރުއާން މުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ފެންވަރުރަނގަޅު ޤުރުއާން މުބާރާތުގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މުސްތަޤުބަލުގައިވެސް ކުރަމުންގެންދާނެ ކަމުގައި އެވެ.

ބަލައިގެން ކިޔެވުމާއި ނުބަލައިކިޔެވުން، މި ދެ ގޮތްޕަށް ހުޅުވައިލައިގެން ބޭއްވި މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ، ހދ. ކުޅުދުއްފުށި، ޔުނިއަން އައްޝައިޚް ރޫހުލް އަމީން އަބްދުﷲއާއި، އިޚްލާޞް ޤުރުއާން ކުލާހުގެ ޤުރުއާން މުދައްރިސް ސައްޔިދު ހަލީގުއް ރަހްމާން އަދި ހއ. އިހަވަންދޫ ހިތަށްފިނިވާގެ، އައްޝައިޚް އަބްދުލް ގާދިރު މުހައްމަދެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން އިޚްލާޞް ގުރުއާން ކުލާހުން އިންތިޒާމުކޮށްގެން ހަމައެކަނި އިޚްލާޞް ގުރުއާން ކުލާހުގައި ރަޖިސްޓަރީ ވެގެން ކިޔަވާ ދަރިވަރުންނަށް ބައިވެރި ވެވޭގޮތަށް، ހދ. ކުޅުދުއްފުށީގައި ބާއްވަމުންދާ ޤުރްއާން މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355