ހާޓް އެޓޭކެއް ޖެހިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނައި ހާލު ބޮޑު ބަލި މީހަކު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޮކްސިޖަން ފުޅި ހުސްވެގެން މިއަދު ފަތިހުގެ ވަގުތެއްގައި މަރުވެއްޖެ އެވެ. މަރުވި އިރު އޭނާ އޮތީ މާލެ ގެންދިއުމަށް ހަނިމާދޫ އެއާޕޯޓަށް ގެނެސްފަ އެވެ. މަރުވެފައިވަނީ ށ. މިލަންދޫ، ހެޕީވިލާ، 57 އަހަރުގެ ސަމީރާ މުޙައްމަދެވެ.
ސަމީރާގެ ދޮށީ ފިރިހެން ދަރިފުޅު ޝިޔާމް “ކުޅުދުއްފުށި އޮންލައިނަށް ” މައުލޫމާތު ދެއްމުން ބުނީ ށ މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެފަރާތުން އެދުމުން މަންމަ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދީފައިވާ ކަމަށެވެ. އަދި އިއްޔެ ހަވީރުގެ ވަގުތެއްގައި މަންމަ މާލެ ބަދަލުކުރަން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވުމުން ހަމަ އެވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކައުންޓަރަށް ގޮސް މަންމަ މާލެ ފޮނުވުމުގެ މަސައްކަތައް ފެށިކަމަށެވެ.
ކައުންޓަރުން ޖަވާބު ލިބުމުގެ ލަސްތަކެއް ހުރިކަމަށާއި އިރުއިރު ކޮޅުން ކައުންޓަރަށް ގޮސް ކިހިނެއްތޯ ވަނީ ސުވާލުކުރުމުން އެބަ ކުރިއަށްދެޔޭ ބުނާކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ރޭގަނޑު 8 ޖެހި ފަހުން މޯލްޑިވިއަން ވިހީގެ ކުރިން ޖާގަ ލިބެން ނެތް ކަމަށް ބުނިކަމަށެވެ. އަދި އެގޭ އިރުކޮޅެއް ފަހުން ޖާގަ ލިބި ފުރޭ ގޮތް ވީކަމަށާއި މަންމަ ހަނިމާދޫއަށް ގެންދެވުނީ ދަންވަރު 3 ޖެހިއިރު ކަމަށެވެ.
އަދި ފުރަން ބޯޓަށް އަރަން އުޅެނިކޮށް ކުއްލިއަކަށް އޮކްސިޖަން ހުސްވެޔޭ ޑޮކްޓަރު ގޮވަން ފެށި ކަމަށާއި އޮކްސިޖަން ހުސް ވިތާ 3 ވަރަކަށް މިނިޓްތެރޭގައި މަންމަ ނިޔާވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެމްބިއުލާސްގައި އާއި އެއާޕޯޓްގައި ވެސް އޮކްސިޖަން ފުޅިއެއް ނެތް ކަމަށާއި މަންމަ ނިޔާވި އެއާޕޯޓްގެ ތެރޭގައި ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގުޅާލުމުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމަށާއި އެކަމުގައި ޑޮކްޓަރުގެ އިހްމާލެއް އޮތްތޯ ހެލްތް މިނިސްޓްރީ ބަލަމުން އަންނަ ކަމަށެވެ.
ސަމީރާގެ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހަނިމާދޫ ހުކުރު މިސްކިތްގަ އެވެ.