ކުޅުދުއްފުށީގައި އިމާރާތް ކުރާ ރޯހައުސްގެ ތެރެއިން ކުޅުދުއްފުށީ މީހުންނަށް ހާއްސަ ކުރެވިފައިވާ 100 ރޯހައުސްއަށް ކުރިމަތިލި ފަރާތަކުގެ ތެރެއިން ގުރުއަތަށް ނުގޮސް 30 ޕޮއިންޓަށް ވުރެ މަތިން ރޯހައުސް ލިބުނު ފަރާތަކުގެ ނަން ތައް ކައުންސިލުން އާއްމު ކޮށްފި އެވެ.
ގުރުއަތަކާ ނުލައި 30 ޕޮއިންޓަށް ވުރެ މަތި ލިބިގެން 78 ފަރާތަކަށް ރޯހައުސް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެފަރާތަކަށް ލިބެނީ ކޮން ރޯހައުސްއެއް ކަން ކަނޑައަޅާނީ ގުރުއަތުން ކަމަށް ކައުންސިލުން ބުނެ އެވެ.
ރޯހައުސްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 30 ޕޮއިންޓް ހަމަ ނުވެ އެއްއަށް ވުރެ ދަށުން މާކުސް ލިބިގެން 234 ފަރާތެއް ވަނީ ގުރުއަތަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 71 ފަރާތަކާއި 20 ޕޮއިންޓް ލިބިގެން ގުރުއަތަށް ދިޔަ 163 ފަރާތްތެކެވެ. މި 234 ފަރާތުގެ މެދުގައި 22 ރޯހައުސްއަށް ލިބޭ ފަރާތްތައް ގުރުއަތުން ކަނޑައެޅިގެންދާނެ އެވެ.
22 ރޯހައުސްއަށް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގުން އޮންނާނީ ޑިސެމްބަރު މަހު 15 ވަނަ ދުވަހުގެ ރޭ 8:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކަމަށް ކައުންސލުން މައުލޫމާތުދެ އެވެ. އެހެން ކަމުން ލިސްޓްގައި ފަރާތްތަކުން ގަޑި ޖެހުމުގެ 15 މިނިޓެއް ކުރިން ހޯލަށް ހާޒިރުވާން ޖެހޭ ކަމަށް ކައުންސިލުން ބުނެ އެވެ.
ގުރުއަތަކާ ނުލައި ރޯހައުސް ލިބުނު 78 ފަރާތާއި 22 ރޯހައުސް އަށް ގުރުއަތަށް ހޮވިފައިވާ 234 ފަރާތުގެ ނަން ތައް ކައުންސިލް އިދާރާގެ ނޯސްޓިސް ބޯޑުގައި ހުންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.