އާދައިގެ މަތިން ކޮންމެ ދުވަހަކު ކޮފީ ބުއިމުން އުމުރު ދިގުކޮށްދޭ ކަމަށް ސައިންސުވެރިން ދާދިފަހުން ކުރި ދިރާސާއެއްގައި ދައްކައިފިއެވެ.
ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި 2 ލައްކައެއްހާ މީހުންގެ މައްޗަށް ސައިންސުވެރިން ވަނީ އެމީހުންގެ ކެއުމާއި ކޮފީ ބުއިމުގެ އާދަޔަށް ބިނާކޮށް ބޮޑު ދިރާސާއެއް ކޮށްފައިއެވެ.
އެ ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި ގިނައިން ކޮފީ ބޯ މީހުންނަށް ޖެހޭ ބަލިތައް މަދެވެ. އެގޮތުން ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި ނާރުގެ ބަލިތަށް ކޮފީ ބޯމިހުންނަށް ޖެހުމުގެ ފުރުސަތު މަދެވެ.
ދުވާލަކު 1 ތަށި ކޮފީ ބޯ މީހާ އަވަހަށް މަރުވުމުގެ ފުރުސަތު 6 އިންސައްތައަށް، 3 ތަށި ބޯ މީހާ 8 އިންސައްތައަށް އަދި 5 ތަށި ބޯ މީހާ 15 އިންސައްތައަށް ދަށް ކަމަށް މި ދިރާސާއިން ހާމަވެއެވެ.
ނަމަވެސް ސިނގިރޭޓް ބުއިން ފަދަ ސިއްހީ ގޮތުން ރަނގަޅު ނޫންއާދަތައް ހުންނަ މީހުން ކޮފީ ބުއި ނަމަވެސް އެކަމުގެ ސަބަބުން މާ ބޮޑު ފައިދާ އެއް ނުކުރާ ކަމަށް ވެސް މިދިރާސާ އިން ވަނީ ދައްކާފައެވެ.
ކޮފީ ބުއިމުން އަވަހަށް މަރުވުމުގެ ފުރުސަތާއި ބަލިތައް ޖެހުމުގެ ފުރުސަތު މަދުވަނީ ކީއްވެކަމެއް ދިރާސާކުރާ ފަރާތްތަކަށް ވަނީ އަދި ނުހޯދިފައިއެވެ. ނަމަވެސް އެއީ ކޮފީގައި ހިމެނޭ “ކެފެއިން” ގެ ސަބަބުން ނޫންކަމަށް ދިރާސާވެރިން ބުނެއެވެ.
ކޮފީއާ ބެހޭގޮތުން ހޯދުނު މި ދިރާސާއަކީ އަދި ކުޑަ މިންވަރެއް ކަމަށާއި އިތުރު ހޯދުންތައް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށް ހަވާރޑް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ލީޑް އޯރތަރ ޑ.މިން ޑިން ނިއު ޔޯރކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.
ކޯފީއަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްތޯ ނުވަތަ ނޫން ތޯ ބެލުމަށް ތަފާތު އެކި ދިރާސާތައް ކުރެވިފައި ވާއިރު އޭގައި ފައިދާ ހުރިކަން ކަން އެނގިފައިވީ ނަމަވެސް ކޮފީ ބުއިމުން ލިބެން ހުރި ގެއްލުންވެސް މަދުން ނަމަވެސް އެބަ ހުއްޓެވެ. އެގޮތުން އޭގައިވާ ކެފެއިންގެ ސަބަބުން ނިދުމުގައި މައްސަލަތައް ދިމާވެއެވެ.