ކުޅުދުއްފުށީ ބަރާބަރު ފިހާރައިގެ ފަރާތުން ކުޅުދުއްފުށްޓާއި ހަނިމާދޫއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފެށުމަށް ހަމަޖައްސައިފި އެވެ.
ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ދަތުރު ކުރައްވާ ބޭފުޅުންނަށް ފަސޭހަ ކުރުމުގެ މަޤުސަދުގައި ފެއްޓުމަށް ހަމަޖެހިފައިވާ މި ޚިދުމަތުގައި ހަފްތާއަކު ތިން ދަތުރު ކުރުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
21 ނޮވެންބަރު ވާ ހޮނިހިރު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތުގައި ފެރީ ކުޅުދުއްފުށިން ފުރާ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:30 އެވެ. އަދި ހަނިމާދޫއިން ފުރާ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 12:30 އެވެ. ފުލައިޓްގެ ގަޑިތަކަށް އަންނަ ބަދަލަކާ ގުޅިގެން މި ގަޑިތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބަރާބަރުގެ ސޭލްސް މެނޭޖަރ ޝާހިދު އަބޫބަކުރު މައުލޫމާތުދެ އެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު އާންމުކޮށް ދަތުރު ކުރައްވާ ބޭފުޅުންނަށް އަމާޒުކުރައްވާއިގެން މެންބަރޝިޕް ކާޑް ތައާރަފް ކުރުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ޝާހިދު މައުލޫމާތު ދެއެވެ.
ޓިކެޓެއްގެ އަގު 250-300 ރުފިޔާއާ ދެމެދު ހަމަޖައްސާފައިވާ މި ލޯންޗް ފެރީ ދަތުރު ތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ބަރާބަރު ފިހާރައިންނާއި ހަނިމާދޫގައި ހުންނަ އެއަރޕޯޓް ޝޮޕުންނެވެ.
“މިއީ އިޖްތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޚިދުމަތެއް. ކަސްޓަމަރުންގެ ސަޕޯޓް ލިބުނު ވަރަކުން މި ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވާނީ ރާވާފައި” މި ނޫހަށް މައުލޫމާތުދެމުން ޝާހިދު ހާމަކުރި އެވެ.
މި ޚިދުމަތާ ބެހޭގޮތުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ނަމަ 24 ގަޑިއިރުގެ ހޮޓްލައިން ނަންބަރު 7717010 ނުވަތަ ބަރާބަރުގެ ޓްރެވަލް ޑިޕާޓްމަންޓް ނަންބަރު 6527700 އާ ގުޅުއްވުމުން
ލިބިވަޑައިގަންނަވާނެ އެވެ.